ފޭދޫ ފިހާރައަކުން ވަގަށް ނެގި ތަކެތި ހޯދައި ދެ މީހަކު ހައްޔަރުކޮށްފި
ސ. ފޭދޫގައި ހުންނަ "ސިޓީ އޮޓޯ ގަރާޖު" ފިހާރައިން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނެގި މައްސަލައެއްގައި، އެ ތަކެތި ހޯދައި ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު ހިނގި މި ވައްކަމުގެ މައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާއެކު، ފުލުހުން ވަނީ ތުހުމަތުކުރެވޭ މީހުންނާއި ވަގަށް ނެގި ތަކެތި ހޯދުމަށް ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ. މި މަސައްކަތުގެ ތެރެއިން، މައްސަލަ ހުށަހެޅުނުތާ 24 ގަޑިއިރު ނުވަނީސް ވަނީ މުހިންމު ކުރިއެރުންތަކެއް ހޯދާފައެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެ ދުވަހުގެ އިރުއޮއްސި 18:47 ހާއިރު ސ. މަރަދޫއިން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ބަލައިފާސްކުރުމަށްފަހުއެވެ. އެ މީހުން ދުއްވި ސައިކަލުގެ މަޑިދަށުން ވައްކަން ކުރުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދަތްދަގަނޑަކާއި ދަބަހެއް ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މީގެ އިތުރުން، ހައްޔަރުކުރި ދެ މީހުން ސ. ހިތަދޫގައި ދިރިއުޅޭ ގެތައް، ގޭގޭގެ ވެރިފަރާތުގެ ހުއްދައާއެކު ފުލުހުން ބަލައިފާސްކުރިއިރު، އެ ފިހާރައިން ވަގަށް ނަގާފައިވާ އަގުބޮޑު ގިނަ ތަކެތި ވަނީ ފެނިފައެވެ. އޭގެ ތެރޭގައި 4 ކަރަންޓު ބުރުމާ، 1 ގްރޭންޑަރު، 1 ޓެބްލެޓް، 1 މޮބައިލް ފޯނު، ކަޓަރުތަކެއްގެ އިތުރުން އެ ފިހާރައިގެ ކޭޝް ޑްރޯވަރާއި ތަޅުދަނޑިތަކެއް ހިމެނެއެވެ. ފުލުހުން މިހާރު ވަނީ މި ތަކެތި އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ފޯޓްރެސް، އަޙްމަދު ފަރީދު (42އ) އާއި ސ. ހިތަދޫ، ހިންދޫރަމާގެ، ޙުސައިން ރަޝީދު (42އ) އެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންވެސް 13 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ރިއެކްޝަންސް





