
ޖަޕާނުގެ ކަވަސާކީ އަތްދަށުވެ އަލް-ނަޞްރު އޭޝިއަން ޗެމްޕިއަންސް ލީގުން ކަޓައިފި
އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ ސެމީ ފައިނަލްގައި ޖަޕާނުގެ ކަވަސާކީ ފްރޮންޓަލޭ އަތުން 3-2 ން ބަލިވެ, އަލް-ނަޞްރު ކަޓައިފިއެވެ. ބުދަ ދުވަހު ކުޅުނު ސެމީ ފައިނަލް ކާމިޔާބުކޮށް ކަވަސާކީން ވަނީ ފުރަތަމަ ފަހަރަށް ބައްރުގެ ފައިނަލަށް ދަތުރުކޮށްފައެވެ.
މެޗުގެ 10 ވަނަ މިނިޓްގައި ކަވަސާކީ އަށް ލީޑު ނަގައިދިނީ ޓަސޫޔާ އިޓޯއެވެ. ނަމަވެސް 18 ވަނަ މިނިޓްގައި ސާޑިއޯ މާނޭ ވަނީ އަލް-ނަޞްރަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެވަނަ ފަހަރަށް ކަވަސާކީއަށް 41 ވަނަ މިނިޓްގައި ލީޑު ނަގައިދިނީ ޔޫޓޯ އޮޒޭކީ އެވެ.
ސައުދީ ލީގުގައި ބޮޑު ހަރަދެއްކުރާ ކްލަބް, އަލް-ނަޞްރުން ކަވަސާކީ އަތަދަށުނުވެ ވޭތޯ ކުރަމުންދިޔަ މަސައްކަތް ކޮޅެއްގައި ނުޖެހި ކަވަސާކީން ތިންވަނަ ގޯލް ކާމިޔާބުކުރީ މެޗުގެ 76 ވަނަ މިނިޓްގައެވެ. ކަވަސާކީ އަށް ލީޑު ފުޅާކޮށްދިނީ އަކިހީރޯ ލެނާގާއެވެ.
އަލް-ނަޞްރުން ނަތީޖާގެ ފަރަގު ކުޑަކުރީ 87 ވަނަ މިނިޓްގައި އައިމަން ޔަހްޔާ ދުރުން ފޮނުވާލި ބޯޅަ ގޯލާ އަމާޒުވުމާއެކުއެވެ. މެޗުގައި ގޯލެއް ޖަހަން ކެތްމަދުވެފައި ހުރި ކްރިސްޓިއާނޯ ރޮނާލްޑޯ އިތުރު ވަގުތުގައި ފޮނުވާލީ ދެ ހަމަލާވެސް ކަވަސާކީގެ ކީޕަރު ލުއީ ޔަމަގޫޗީ ވަނީ އިތުބާރާއެކު ދިފާއުކޮށްފައެވެ.
ހޮނިހިރު ދުވަހު ފައިނަލްގައި ކަވަސާކީން ބައްދަލުކުރާނީ ބިދޭސީ ކުޅުންތެރިންގިނަ ސައުދި އެރެބިއާގެ އަލް-އަހްލީއާއެވެ.
ރިއެކްޝަންސް






