
ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް، މޯލްޑިވްސް ނޭޝަނަލް ސާވިސްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށްކަމަށެވެ. އަދި އޭގެ ތެރެއިން، އުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ ޒުވާނުން ކުރިމަތިލާ ނަމަ ބެލެނިވެރިޔާ އިއުތިރާޒު ނުކުރާކަމުގެ އިޤްރާރެއް ހުށަހަޅަން ޖެހެއެވެ.
މި ޕްރޮގްރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމެއް ކަމަށާއި، މިޕްރޮގްރާމްގެ މަޤްޞަދަކީ ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުންކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ޕްރޮގްރާމުގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ޤައުމިއްޔަތުގެ ރޫޙު އާލާކުރުމާއި، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތުން އުފެއްދުމާއި، ޤައުމަށް ކުރިމަތިވާ ނުރައްކާތަކަށް ކުރިމަތިލެވޭނެ ބަޔަކު ތައްޔާރުކުރުން ހިމެނޭކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ސަރުކާރުން އެލަވަންސެއް ދޭން ވަނީ ނިންމަވާފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު، ޑިފެންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ މި ޕްރޮގްރާމަކީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި ޕްރޮގްރާމެކެވެ.
ރިއެކްޝަންސް






