އިސްތިސްނާއެއް ނެތި ބައިނަލްއަަގްވާމީ ގާނޫނު ތަންފީޒުކުރަން ފޮރިންގ މިނިސްޓަރު ގޮވާލައްވައިފި
ހަނިއްޔާ ޝަހީދުކޮށްލުން ކުށްވެރި ކުރެއްވި
އިސްތިސްނާއެއް ނެތި ބައިނަލްއަޤްވާމީ ގާނޫނުތައް ތަންފީޒުކުރަން ފޮރިންގ މިނިސްޓަރު މޫސާ ޒަމީރު ގޮވާލައްވައިފި އެވެ. ވަޒީރު މިކަމަށް ގޮވާލެއްވީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯއައިސީގެ ހާރިޖީ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ރާއްޖެ ތަމްސީލުކުރައްވާ އެބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ ފަލަސްތީނުގެ މިނިވަންކަން ކަށަވަރުކޮށް ދަރިފަސްކޮޅު ނިމުމަކަށް ގެނައުން ހުއްޓުވޭނީ ހަމަހަމަކަމާއެކު ގާނޫނުތައް ތަންފީޒުކޮށްގެން ކަމަށެވެ. ބައިނަލްއަގްވާމީ ގާނޫނާއި އިންސާނީ ހައްގުގެ ގާނޫނުތައްވެސް އެމަގުން ތަންފީޒުކުރުމަށް ޒަމީރު އެދިވަޑައިގެންނެވިއެވެ. ޒަމީރު ވިދާޅުވީ އެއީ ބައިނަލްއަގްވާމީ މުޖުތަމައުގެ ޒިންމާއެއް ކަމަށެވެ.
ވަޒީރު ވަނީ ފަލަސްތީނު ހަނގުރާމަ ވަގުތުން ހުއްޓާލުމަށްވެސް ގޮވާލައްވާފައެވެ. އަދި ފަލަސްތީނު ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކަންކަން ފުރިހަމަކޮށްދީ އަސާސީ ހައްގުތައް ފުރިހަމަކޮށްދިނުމަކީ މިވަގުތަށް އެންމެ މުހިއްމު ކަންތައް ކަމަށް ވިދާޅުވިއެވެ. ޒަމީރު ވިދާޅުވީ ފަލަސްތީނާއި އިޒުރލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް އޮތް ހައްލަކީ އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅާ, އިޒުރޭލު އަތްދަށުން ފަލަސްތީނު މިނިވަން ކުރުމެވެ. އަދި ފަލަސްތީނަކީ އަމިއްލަ ސިޔާދަތީ ބާރު ހިނގާ މިނިވަން ގައުމަކަށް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ފޮރިންގ މިނިސްޓަރ މޫސާ ޒަމީރު ވަނީ ފަލަސްތީނުގެ ހައްގުގައި ވަކާލާތުކޮށް, ފަލަސްތީނާއެކު ރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ލީޑަރު ހަނިއްޔާ ޝަހީދުކޮށްލުން ކުށްވެރި ކުރެެއްވިއެވެ.
ރިއެކްޝަންސް