ސީޒަން ފަށާއިރު މެސީ ފިޓެއް ނޫން
ލީގު ކަޕް ފުރަތަމަ މެޗުގައި ނުކުޅޭނެ
އެމެރިކާގެ ފުޓްބޯޅަ ސީޒަން ފަށާއިރު ލަޔަނަލް މެސީ ފިޓެއް ނޫން ކަމަށް އޭނާ ކުޅެމުން އަންނަ އިންޓަރ މިއާމީގެ ކޯޗު ޖެރާޑޯ މާޓީނޯ ބުނެފިއެވެ.
އޭނާ ބުނީ ބުރާސްފަތި ދުވަހުގެރޭ ލީގު ކަޕްގެ ފުރަތަމަ މެޗުގައި މެސީ ނުކުޅޭނެ ކަމަށެވެ. ލީގު ކަޕްގައި އިންޓަރ މިއާމީ ބުރާސްފަތި ދުވަހުގެރޭ ނިކުންނާނީ ޓޮރޮންޓޯ އެފްސީއާ ދެކޮޅަށެވެ. ކޮޕަ އެމެރިކާގެ އަނިޔާއަށްފަހު މެސީ އަންނަނީ ރިކަވާ ވަމުން ކަމަށާއި, ނަމަވެސް އަދި މެޗަށް ފިޓް ނުވާކަމަށް އޭނާ ބުންޏެވެ. މެސީ މިވަގުތު ތަމްރީނު ހަދަނީ ޖިމްގައެވެ. ޓީމާއެކު ދަނޑަށް ނިކުމެ ތަމްރީނު ތަކުގައި ބައިވެރި ނުވެއެވެ. އެހެންކަމުން ސީޒަން ފަށާއިރު މެސީގެ ބޭނުމެއް ނުކުރާނެ ކަމަށް ކޯޗު ވަނީ ބުނެފައެވެ. މެސީ ވަނީ އާޖެންޓީނާއާއެކު އަނެއްކާވެސް ކޮޕަ އެމެރިކާ ކާމިޔާބުކޮށްފައެވެ.
މެސީ މުޅިން ފިޓްނުވިޔަސް އިންޓަރ މިއާމީގެ ކޯޗަށް އޮތް ހިތްހަމަޖެހުމަކީ ކޮޕަރ އެމެރިކާއަށްފަހު ފޯވާޑް ލުއިސް ސުއަރޭޒް ފިޓްކޮށް މިހާރު ޓީމާ ގުޅިފައި ވުމެވެ. ލީގުކަޕްގައި ޓޮރޮންޓޯއާ ދެކޮޅަށް ކުޅޭ މެޗަށް ސުއަރޭޒް ފިޓްކަން ކޯޗު ވަނީ ޔަގީން ކޮށްދީފައެވެ.
ރިއެކްޝަންސް