އައްޑޫ ކައިރިން ޗާގޯސް ސަރަހައްދަށް ބިންހެލުމެއް އަތުވެއްޖެ، ނުރައްކަލެއް ނެތް
އައްޑޫ ސިޓީއާ ގާތްގަނޑަކަށް 833 ކިލޯމީޓަރު ދުރުގައި އޮންނަ ޗާގޯސް އާކިޕެލަގޯ ސަރަހައްދަށް ބިންހެލުމެއް އަތުވެއްޖެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މައުލޫމާތު ދެއްވި ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ މިރޭ 19:59 ހާއިރުއެވެ. އަދި ރެކޯޑް ކުރެވިފައިވާ ގޮތުގައި މި ބިންހެލުމުގެ ބާރުމިނަކީ ރިކްޓާ މިންގަނޑުން 5.0 މެގްނިޓިއުޑެވެ.
މި ބިންހެލުން އައި ސަރަހައްދަކީ ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީއާ 833 ކިލޯމީޓަރު ދުރު ސަރަހައްދެއް ނަމަވެސް، މި ހާދިސާގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނުވަތަ އަސަރެއް ނުކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ޔަގީންކޮށްދީފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ޖުލައި މަހުގެ އަށްވަނަ ދުވަހު ވެސް ޗާގޯސް ސަރަހައްދަށް ވަނީ ބިންހެލުމެއް އައިސްފައެވެ. އެ ފަހަރު ބިންހެލުން އައީ އައްޑޫ ސިޓީއާ ގާތްގަނޑަކަށް 933 ކިލޯމީޓަރު ދުރަށެވެ.
ރިއެކްޝަންސް





