ހަރުދަނާ ޝަޚުސިއްޔަތަކަށް ވާނީ ޢިލްމާއި ހުނަރު ބޭނުންކުރާ ގޮތަކުން: މިނިސްޓަރ ހީނާ

ހަރުދަނާ ޝަޚުސިއްޔަތަކަށް ވާނީ ޢިލްމާއި ހުނަރު ބޭނުންކުރާ ގޮތަކުން: މިނިސްޓަރ ހީނާ

5 hours ago - 21:04
Advertisement
Advertisement

މީހަކީ ހަރުދަނާ ޝަޚުސިއްޔަތަކަށް ވާނީ އޭނާއަށް ލިބިފައިވާ ޢިލްމާއި ހުނަރު ބޭނުންކުރާ ގޮތެއްގެ މަތީން ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.


ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔުނިއަނުން އިންތިޒާމުކޮށްގެން އައްޑޫ ސިޓީގައި ކުރިއަށްގެންދާ ވާހަކަ ދެއްކުމުގެ މުބާރާތާއި ބަޙުސް މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.


އައްޑޫ ސިޓީގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިފަދަ މުބާރާތްތަކަކީ ދަރިވަރުންގެ ކިބައިގައި ހުރުން ލާޒިމުކުރާ މުހިންމު ސިފަތައް އަށަގަންނުވައިދީ، އަމިއްލަ ނަފުސުގެ ސާބިތުކަން ދަމަހައްޓަން ދަސްކޮށްދޭ މުހިންމު ހަރަކާތްތަކެއް ކަމަށެވެ. މީގެއިތުރުން ތެދުވެރިކަމުގެ މާތް ސިފައާއި، ސާފު ތެދު މައުލޫމާތާއި، ޢިލްމީ ބުރަދަން ހުރި ވާހަކަތަކަށް ލޯބިކުރުން ފަދަ ކަންކަން ދަރިވަރުންގެ ކިބައިގައި އަށަގަތުމަކީ ޤައުމުގެ މުސްތަޤުބަލު އުޖާލާވެގެންދާނެ ކަމެއް ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.


މިއީ ހެދިބޮޑުވަމުން އަންނަ ޖީލުތަކުގެ މެދުގައި ހަރުދަނާ ޝަޚުސެއް ބިނާކުރުމަށް ހިންގޭ މުހިންމު ތަރުބަވީ ހަރަކާތެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މީގެ ސަބަބުން އިޙުތިރާމާއެކު ތަފާތު ޚިޔާލުތައް ބަދަލުކުރަން ދަސްވާ ކަމަށެވެ.


ބަދަލުވަމުންދާ ދުނިޔެއަކަށް ދަރިން ތަރުބިއްޔަތު ކުރާއިރު، އުފެއްދުންތެރި ޚިޔާލާއި ޢިލްމީ ވިސްނުންތަކުގެ އަލީގައި މުއާމަލާތު ކުރުމުގެ ހުނަރު އަށަގަންނުވަން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. އަދި ޒަމާނީ ޓެކްނޮލޮޖީއާއެކު ދިރިއުޅުމުގެ އުސޫލުތަކަށް ބަދަލުތަކެއް އައި ނަމަވެސް، ތަފާތުވުންތަކާ ކުރިމަތިލާން ދަސްކޮށްދިނުމުގެ ހުނަރަކީ މިއަދުގެ މުޖުތަމަޢުގައި ވަކިން ޚާއްޞަ ގޮތެއްގައި ބޭނުންތެރި ކަމެއް ކަމުގައި ވިދާޅުވިއެވެ.


ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ފާހަގަކުރެއްވީ، ހަރުދަނާ ތަޢުލީމާއި ފަންނީ ހުނަރުތަކަކީ މުހިންމު އަސާސީ ކަންކަން ކަމުގައި ވިޔަސް، އަމިއްލަ ޚިޔާލު ފާޅުކުރުމުގެ ޤާބިލުކަން ނެތްނަމަ ލިބިފައިވާ ޢިލްމާއި ހުނަރުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވުނު ކަމުގައި ނުބެލެވޭނެ ކަމަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement