ހޫތީން ސައުދީއަށް ކުރާ ތުހުމަތުތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ހޫތީން ސައުދީއަށް ކުރާ ތުހުމަތުތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

5 hours ago - 13:11
Advertisement
Advertisement

ޔަމަނުގެ ރައްޔިތުން ހިސާރުކުރަމުންދާ ކަމަށް ބުނެ ހޫތީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުރަމުންދާ ތުހުމަތުތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.


ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން މިކަމާ ގުޅިގެން ނެރެފައިވާ ބަޔާނަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާއީދު ކުރާ ކަމަށެވެ. އަދި ހޫތީން ސައުދީއާ ދެކޮޅަށް ކުރަމުންދާ ދޮގު އިލްޒާމްތަކަކީ އެއްވެސް އަސާސެއް ނެތް ކަންކަން ކަމުގައި ވެސް ދިވެހި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.


ދިވެހި ސަރުކާރުގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ސައުދީ އަރަބިއްޔާއަކީ ޔަމަނުގެ ގާނޫނީ ސަރުކާރާ ގުޅިގެންނާއި އދ. ގެ މަސައްކަތްތަކަށް އެއްބާރުލުންދީގެން، ޔަމަނަށް ސުލްހަ ގެނައުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ގައުމެކެވެ. އެގޮތުން ޔަމަނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ތަކުލީފުތައް ކުޑަކުރުމަށާއި، އެ ގައުމުގެ ތަރައްގީއަށާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސައުދީން އަދާކުރަމުންދާ އިސް ދައުރު ރާއްޖެއިން ބަލައިގަންނަ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ސައުދީ އަރަބިއްޔާއާއެކު އޮތް ބަދަހި ގުޅުން ދަމަހައްޓައި، އެ ގައުމާ އެކު އޮތް އެއްބައިވަންތަކަން އާކޮށްފައެވެ. އަދި ޔަމަނުގެ އަމާންކަމާއި، ސަލާމަތާއި ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތްތަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ވެސް ދިވެހި ސަރުކާރުން ވަނީ ދީފައެވެ.
މި ބަޔާނަކީ ސައުދީ އަރަބިއްޔާގެ ސަލާމަތާއި ރައްކާތެރިކަމަށް އުނިކަން އަންނަ ފަދަ ކޮންމެ އަމަލަކާ ދެކޮޅަށް ރާއްޖެއިން ސާބިތުކަމާއެކު އޮތްކަން ހާމަކޮށްދޭ ބަޔާނެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement