
ރިޔާސީ ބަޔާން: އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ކުރަން ފެށުމުން ނަން އިއްވައިފި
އެމްޑީޕީގެ ޢާއްމު މެމްބަރުން ދަނި މަޖިލިސް އިދާރާގެ ބޭރުގައިވެސް އިހުތިޖާޖު ކުރަމުން
ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާއެކު ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ކުރަން ފަށައިފި އެވެ. މިއަހަރަށް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ފެށުމަށް ބޭއްވި ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާއެކު އެމްޑީޕީ މެމްބަރުން ގެންދަވަނީ އިހުތިޖާޖު ކުރައްވަމުންނެވެ.
ރިޔާސަތުން ރައީސް އަބްދުއްރަހީމް އަބްދުالله މަޖިލިހުގެ ޤަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ތަކުރާރުކޮށް ދަނީ ދަންނަވަވަމުންނެވެ. އަދި ނަން އިއްވަން ޖެހިދާނެ ކަމުގެ ގެންދަވަނީ ދެއްވަމުންނެވެ. އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމާއި, ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާގެ ނަމާއި, ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުގެ ނަމާއި, ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ނިއުޝާދުގެ ނަމާއި, މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީގެ ނަމާއި, ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ނަޒީލްގެ ނަމާއި, ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުގެ ނަމާއި, ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމްގެ ނަން ވަނީ އިއްވަވާފައެވެ. ނަން އިއްވި މެމްބަރުން ތަޅުމުން ނިކުންނަންދެން ޖަލްސާ ވަނީ މެދުކަނޑާލާފައެވެ.
ރައްޔިތުންގެ މަޖިލިހު ބޭރުގައި އެމްޑީޕީ މެމްބަރުންނާއި, ސަރުކާރާ އިދިކޮޅު ފަރާތްތަކުން ގެންދަނީ އަޑުއުފުލާ އިހުތިޖާޖު ކުރަމުންނެވެ.
ރިޔާސީ ބަޔާން ފައްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ މިއީ އަމަލީ މަސައްކަތް ފެށުމުގެ އަހަރު ކަމަށާއި, ކުރިއަށް ހުރީ ނަތީޖާ ނެރެދިނުމުގެ ޤައުމީ މޫސުމެއް ކަމަށެވެ.
ރިއެކްޝަންސް






