
މިއީ އަމަލީ މަސައްކަތުގެ އަހަރު, ކުރިއަށް އޮތީ ނަތީޖާ ނެރެދިނުމުގެ ޤައުމީ މޫސުމެއް- ރައީސް މުއިއްޒު
ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު މަންހަޖަކީ، ކުރީއަހަރުގެ ވެސް މަންހަޖު ކަމަށް
މިއީ އަމަލީ މަސައްކަތުގެ އަހަރު ކަމަށާއި, ކުރިއަށް އޮތީ ނަތީޖާ ނެރެދިނުމުގެ ޤައުމީ މޫސުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިޔަގީންކަން ދެއްވީ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު މަންހަޖަކީ، ކުރީއަހަރުގެ ވެސް މަންހަޖު ކަމަށެވެ. އެއީ ދިވެހި އުންމަތުގެ ހާލާއި، މުސްތަޤުބަލު ކަނޑައެޅުމުގައި އެންމެ މުހިންމު އަސާސްތަކަކީ، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހީންގެ އަމިއްލަވަންތަކަމާއި، ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުންކަން ކަށަވަރުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ނަމާދަކީ ހުރިހައި މުންކަރާތްތަކުން އިންސާނާ ދުރުހެލިކޮށްދޭ އަޅުކަމެއްކަމުގައި ލައްވާފައިވުމާއި އެއީ އިސްލާމް ދީނުގެ އެންމެ ހަރުދަނާ އެއް ތަނބުކަމަށް ޝަރުޢުގައި ލައްވާފައިވާތީ، ދިވެހި މުޖުތަމަޢު ފަރުޟު ފަސް ނަމާދަށް އަހުލުވެރިކުރުވުމުގެ މާތް މަޤުޞަދުގައި "ނަމާދު މަތިވެރިކުރުން" މި ނަމުގައި ވެސް މުހިންމު މަޝްރޫޢެއް ފަށާފައިވާ ކަމަށެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަހަރު މިސްކިތްތައް ބިނާކުރުމަށް 35 މަޝްރޫއެއް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
މިއަހަރު ތެރޭގައި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށް ދ. މީދޫ، ށ. ފުނަދޫ، ދ. ބަނޑިދޫގައި، އަދި ސަޢުދީ ފަންޑުގެ ލޯން އެހީގައި ހއ. ދިއްދޫ، ށ. ކޮމަންޑޫ، ހދ. ކުޅުދުއްފުށި، ގދ. ރަތަފަންދޫ، އަދި އއ. ރަސްދޫގައި އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މަސްވެރިކަމުގެ ސިނާޢަތު ފުޅާކުރުމަށްޓަކައި، ޅ. ފެލިވަރު، ގދ. ފިޔޯރީ އަދި ފ. ނިލަންދޫގައި ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމާއި، މަސް ޕްރޮސެސިންގ ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތްކުރުމާއި، ގދ. ތިނަދޫ، މ. މުލަކު، ގއ. ކޫއްޑޫ، އަދި ހއ. އިހަވަންދޫގައި ކޯލްޑް ސްޓޯރޭޖު ޤާއިމުކުރުމުގެ މަސައްކަތްކުރުމާއި، ހުޅުމާލޭގައި ބޮޑުކަންނެލި ފެކްޓްރީއެއް ޤާއިމުކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި މިއަހަރު ކުރިއަށްދާނެ ކަމަށްެވސް ވިދާޅުވިއެވެ.
ރިއެކްޝަންސް






