
އަންނަ ހުކުރުގެ ޚުޠުބާގެ ގޮތުގައި ނަބަވީ ޙަރަމްފުޅުގެ އިމާމު މިއަދު ވިދާޅުވި ޚުޠުބާ ކިޔާގޮތަށް ހަމަޖައްސައިފި
ނަބަވީ ޙަރަމްފުޅުގެ އިމާމު ޑރ. ޞަލާޙުލް ބުދައިރް މިއަދު އިސްލާމީ މަރުކަޒުގައި ދެއްވި ޚުޠުބާގެ ދިވެހި ތަރުޖަމާ އަންނަ ހުކުރުގައި ރާއްޖޭގެ ހުރިހާ މިސްކިތަތަކުގައި ކިޔުމަށް ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެފައިވެއްޖެއެވެ.
ޙަރަމްފުޅުގެ އިމާމު މިއަދު ދެއްވި ޚުޠުބާގެ މައުޟޫއަކީ "ތިޔަބައިމީހުންނީ ލޯބިވާ އަޚުންތަކެއް ކަމުގައިވާށެވެ" އެވެ. މި ޚުޠުބާގައި އެކަކު އަނެކަކަށް ރަޙުމުކޮށް އޯގާވެރިވެ އުޅުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.
އިމާމު ހުތުބާގައި ވިދާޅުވީ އެންމެ ނުބައި މީހަކީ، އެ މީހެއްގެ ޤައުމު ޚަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގައިލައި، އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާ ކަމަށެވެ. އަދި ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ މީހުންނަށް ޤައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީސްތަކުންނަށް ފައިދާހުރި، ހެޔޮފޯރުވައި އުޅޭ މީހަކަށް ވުމަށް ޝެއިޚް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި މުސްލިމުންނަށް އުނދަގޫކޮށް، އެ މީހުންގެ މައްޗަށް ބާޠިލު ތުހުމަތުތައް ނުކުރުމަށާއި ދޮގު ބުހުތާން ވާހަކަތައް ނުފެތުރުމަށް ވެސް އިރުޝާދު ދެއްވިއެވެ.
ނަބަވީ ޙަރަމްފުޅުގެ އިމާމު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ މިއަދު އިމާމުވެ ހުކުރު ނަމާދު ކުރެއްވުމުގެ އިތުރުން އިތުރު ތިން ނަމާދެއް އިމާމުވެ ކުރައްވާ އިސްލާމީ މަރުކަޒުގައި ދަރުހެއްވެސް ދެއްވާފައެވެ.
ހަމަ މިއާއި އެކު ތަފާތު ފަރާތްތަކާއިއެކު ގިނަބައްދަލުވުންތަކެއް ބޭއްވުމުގެ އިތުރުން އިސްލާމްދީނާއި ގުޅުންހުރި ބައެއް ތަންނަށް ޒިޔާރަތްވެސް ކުރައްވާފައެވެ.
އިމާމު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދުވަނީ ފުރާވަޑައިގެންފައެވެ.
ރިއެކްޝަންސް






