
ޣައްޒާގައި ހުރި އދ ގެ ކާނާގެ ސްޓޮކް ހުސްވެ, 400,000 މީހުން ބަނޑަށްޖެހިދާނެ ކަމުގެ އިންޒާރު!
ޣައްޒާގައި އދ ގެ ކާނާގެ ސްޓޮކް ހުސްވެ, އދ ން ފޯރުކޮށްދޭ ކާނާއަށް ބަރޯސާވެގެންތިބި 400,000 އެއްހާ މީހުން ބަނޑަށް ޖެހިދާނެކަމުގެ އިންޒާރު އެޖަމާއަތުން ދީފިއެވެ.
އިޒްރާއިލްއިން ޣައްޒާއަށް އިންސާނީ އެހީގެ އެއްވެސް މިންވަރެއް ވަނުން ހުއްޓުވާފައި އޮންނަތާ މިއީ އަށްވަނަ ހަފުތާއެވެ. އދ ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ބުނި ގޮތުގައި އެޖަމާއަތުގައި ހުރި ކާނާގެ ސްޓޮކް މިހާރުވަނީ އެއްކޮށްހެން ހުސްވެފައެވެ.
ހުކުރު ދުވަހު އެޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނީ އެޖަމާއަތުގައި ހުރި ކާނާގެ އެންމެ ފަހު ސްޓޮކް ޣައްޒާގެ ރައްޔިތުންނަށް ކާނާތައްޔާރު ކުރާ މަދު ބަދިގެތަކަށް މިހާރު ގެންގޮސްފައިވާ ކަމުގައެވެ. އެހެންކަމުން ކުރިއަށް ދެތިންދުވަސްތެރޭގައި ޣައްޒާގެ ގިނަ ރައްޔިތުންގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ހިނގައިދާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.
400,000 މީހުން އދ ގެ ކާބޯތަކެއްޗަށް ބަރީސާވެގެން ދިރިއުޅޭއިރު އެޖަމާއަތަށް ކުރާ ކޮންމެ އަސަރެއް އެއިން ކޮންމެ ރައްޔިތަކަށްވެސް ކުރާނެ ކަމުގައި އެޖަމާއަތުން ފަލަޞްޠީނުގައި ހުންނަ އިސް ފަރާތް ކަމުގައިވާ އެންޓޮއިން ރެނާޑް ވަނީ އަލްޖަޒީރާ އަށް މައުލޫމާތު ދީފައެވެ.
ޑަބްލިއުއެފްޕީ އިން ބުނި ގޮތުގައި އެޖަމާއަތުގެ 116,000 ޓަނަށްވުރެ ގިނަ ކާބޯތަކެތި ބޯޑަރު ކައިރީގައި ޣައްޒާއަށް އެތެރެނުކުރެވި މިހާރުވެސް އެބަހުއްޓެވެ.
މާޗު 2 ން ފެށިގެން އިޒްރާއިލްއިން ދަނީ ޣައްޒާއަށް ކާނާއި, ބޯފެން އަދި ތެލާއި ބޭސްވެސް ހިމެނޭހެން އެއްވެސް ބާވަތެއްގެ އިންސާނީ އެހީވަނުން ހުއްޓުވާ, 2024 ގައި ބައިނަލް އަޤުވާމީ ޖިނާއީ ކޯޓުން އިޒްރާއިލްގެ މައްޗަށް ކޮށްފައިވާ އަމުރަށް ގޮންޖަހަމުންނެވެ.
ޖެނުއަރީ 19 ގައި ހަމަލާތައް މެދުކަނޑަލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު ޣައްޒާއަށް ވަދެފައިވާ އިންސާނީ އެހީގެ ތަކެތި ސްޓޮކް ކޮށްފައި ހުރިހަމަވެސް މިހާރު ބާކީ ހުރީ މަދު އަދަދެކެވެ. ވިޔަފާރިތަކުގައި ހުރި ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާއިރު ލިބެން ހުރީވެސް މަދު އެއްޗެކެވެ.
ރިއެކްޝަންސް






