އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލައިގައި ޓިކްޓޮކް އެކްޓިވިސްޓް އާމިރު ފުލުހަށް ހާޒިރުވާން އަންގައިފި
ސޯޝަލް މީޑިއާގައި އިސްލާމްދީނަށް ފުރައްސާރަކޮށް، ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ ވާހަކަތައް ދެއްކި މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް ޓިކްޓޮކް އެކްޓިވިސްޓް އަޙްމަދު ޢާމިރުގެ މައްޗަށް ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، އުމުރުން 51 އަހަރުގެ އަޙްމަދު ޢާމިރު (ހ. ފިލިކުރިގެ / މާލެ) ތަހުގީގަށް ހާޒިރުކުރަން ބޭނުންވަނީ، އިސްލާމްދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުމާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަދައްކާފައިވާ މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށް ކަމަށެވެ.
އާމިރު ހޯދުމަށް ފުލުހުން އާންމުކޮށް އިއުލާންކުރަން ޖެހުނީ، އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ. އެހެންކަމުން، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން އޭނާ ހާޒިރުވުމަށް ވަނީ އަންގާފައެވެ.
ފުލުހުންގެ އިއުލާނުގައިވާ ގޮތުން، އަޙްމަދު ޢާމިރު ހާޒިރުވާންޖެހެނީ ސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށެވެ. އޭނާ ހާޒިރުވާން އަންގާފައިވަނީ 2026 މާރިޗު 10 ވަނަ ދުވަހުގެ 16:00 އަށެވެ.
މި މައްސަލައަކީ ދިވެހި މުޖުތަމައުގެ ދީނީ އަދި އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ސޯޝަލް މީޑިއާގައި ހިންގާ އަމަލުތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތަހުގީގު ކުރަމުންދާ މައްސަލައެކެވެ.
ރިއެކްޝަންސް









