އަތޮޅު ކައުންސިލްތައް އުވާލާނަން, އެއީ ބޭކާރު ފަށަލައެއް- ރައީސް
ރައީސް މުއިއްޒު މަތިވެރީގައި ވާހަކަދައްކަވަނީ: ފޮޓޯ-ރައީސް އޮފީސް

އަތޮޅު ކައުންސިލްތައް އުވާލާނަން, އެއީ ބޭކާރު ފަށަލައެއް- ރައީސް

ކައުންސިލްތަކާއި ޑަބްލިޔުޑީސީ ތަކުގެ ސައިޒްވެސް ކުޑަކުރަނީ

6 hours ago - 09:12
Aug 20, 2025 - 09:12
Advertisement
Advertisement

އަތޮޅު ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމްގައި އޮތް ބޭކާރު ފަށަލައެއް ކަމަށާއި, އެފަށަލަ ދުއްވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ މަތިވެރީގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ކުރިއަށް އޮތް ދައުރަށް އަތޮޅު ކައުންސިލްތައް އުވާލުމުގެ އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ. އަދި ދެން އަންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ދާއިރު އެބަދަލު ޤާނޫނު އަސާސީއަށް ގެންނަވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެން އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓްލާން ދާއިރު އަތޮޅު ކައުންސިލް ހޮވަން ވޯޓްލާން ނުޖެހޭނެ ކަމަށެވެ. އެއީ ލާމަރުކަޒީ ނިޒާމް އިތުރަށް ވަރުގަދަ ކުރުމަށް ގެންނަވާ ބަދަލެއް ކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެބަދަލުގެ ބޭނުމަކީ ސީދާ ރައްޔިތުންނަށް ފަށަލަތައް ނެތި ބާރު ދިނުން ކަމަށެވެ.

"އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮތް އެއްޗެއްނޫން, އެއްވެސް ބޭނުމެއް އޮތް ތަނެއް ނޫން. އެހެން މިދަންނަވަނީ ކީއްވެތޯ. ކޮންމެ ރަށެއްގެ ރަށު ކައުންސިލް މިއަށް ހެކިވާނެ. އެއީ އެއްވެސް ބޭނުމެއް އޮތް ތަނެއް ނޫން.  އެހެންވީމާ ޤާނޫނު އަސާސީ އަޅުގަނޑުމެން އިސްލާހު ކުރާނަން, ޤާނޫނު އަސާސީ އިސްލާހު ނުކޮށް މިކަމެއް ނެތް ވާކަށް." ރައީސް ވިދާޅުވިއެވެ.

Advertisement
Advertisement

ރައީސް ތަކުރާރުކޮށް ވިދާޅުވީ އެފަށަލަ (އަތޮޅު ކައުންސިލް) ދުއްވާލީމާ އިތުރަށް ރައްޔިތުން ބާރުވެރިވާނެ ކަމަށެވެ. އޭރުން ކޮންމެ ރަށެއްގެ ރަށު ކައުންސިލް ސީދާ ކަމާބެހޭ ވުޒާރާތަކާ ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނާ މިސަރުކާރުން މަސައްކަތް ކުރަނީ ވަރަށް އިހުލާސްތެރިކަމާއެކު, ސީދާ ރައްޔިތުންނާއެކު ރައްޔިތުންގެ ފަޅީގައި އޮވެގެން ރައްޔިތުން ބާރުވެރިކުރުމަށް ކަމަށެވެ.

އަތޮޅު ކައުންސިލްތައް އުވާލުމުގެ އިތުރުން ކައުންސިލްތަކުގެ ސައިޒު ކުޑަކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން 2000 ން ދަށުގެ އާބާދީތަކަށް ދެން އިންތިޚާބު ކުރާނީ 3 ކައުންސިލަރުން ކަމަށާއި, 2000 ން މަތީގެ އާބާދީ ތަކަށް އިންތިޚާބުކުރާނީ 5 ކައުންސިލަރުން ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް ސިޓީ ކައުންސިލްތައް ގާތްގަނޑަކަށް މިހާރުވެސް އޮތް ގޮތަށް އޮންނާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައްވެސް އެއުސޫލުން ސައިޒު ކުޑަކޮށް, އެކޮމިޓީގެ ރައީސާ އަކީ ފުލްޓައިމް ހުރިހާ ރައްޔިތުން އިންތިޚާބުކުރާ ބޭފުޅަކަށް ހައްދަވާނެ ކަމަށް ވިދާޅުވިއެވެ. އާބަދަލާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ އިންތިޚާބުކުރާނީ ކައުންސިލް ރައީސް އިންތިޚާބުކުރާ އުޞޫލުންނެވެ.

މިހުރިހާ އިސްލާހެއްވެސް ދެން އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން ގެންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރު ކުރީކޮޅު އޮންނާނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement