
ކިޔު ބޮޑުވެ މާލޭގައި މަސްދަޅުބަހާ އިތުރުތަނެއް ހަމަޖައްސަނީ
ރަމަޟާން މަހަށް ސަރުކާރުން ދޭ މަސްދަޅު ކޭސް ހޯދުމަށް ރައްޔިތުން ދެއްކި ޝައުޤުވެރިކަމާ ގުޅިގެން، މާލޭގައި މަސްދަޅު ބަހާނެ އިތުރު ތަނެއް ހަމަޖައްސަން ނިންމައިފިއެވެ.
މިކަން އިޢުލާނުކުރެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.
އެސްޓީއޯ މެދުވެރިކޮށް މާލޭގައި މަސްދަޅު ބެހުން ފެށުމާއެކު، ގިނަ އަދަދެއްގެ ރައްޔިތުން މަސްދަޅު ކޭސް ބަހާ ސަރަހައްދުތަކަށް ޖަމާވިއެވެ. މީގެ ސަބަބުން، ކަނޑައެޅިފައިވާ ވަގުތު ހަމަވިއިރުވެސް ކިއު ހުސްވަންދެން މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަން ޖެހުނެވެ.
ވަޒީރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ އިޖާބައަށް ބަލައި، އިތުރު ތަނެއް ހަމަޖައްސައި ހޮނިހިރު ދުވަހުގެ ކުރިން އެކަން އާންމުކުރާނެއެވެ.
ރޭގައި މަސްދަޅުތައް ބަހާފައިވާ ސަރަހައްދުތަކަކީ:
- މާލޭގައި: މިފްކޯ އޮފީސް ކޮމްޕައުންޑް އަދި ހެންވޭރު އެމްޓީސީސީ ސޯމިލް
- ވިލިމާލޭގައި: ވެމްކޯ ސައިޓް
- ހުޅުމާލެ ފޭސް-1 ގައި: އުމަރު ޒާހިރު ބިލްޑިންގ
- ހުޅުމާލެ ފޭސް-2 ގައި: ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރު
- މާލެ ސަރަހައްދުގައި މިއަދު މަސްދަޅު ބެހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ނުވާއިރު ދެން މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތަކަކީ:
- 22 ފެބްރުއަރީ 2025: ހެނދުނު 10:00 އިން 16:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް
- 23 ފެބްރުއަރީ އިން 27 ފެބްރުއަރީ 2025: މެންދުރުފަހު 14:30 އިން 18:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް
މިދުވަސްތަކުގައި މަސްދަޅުކޭސްތައް ބަހާ ނުނިމިއްޖެ ނަމަ ރަމަޟާން މަހުތެތެރޭގައި ވިޔަސް މަސްދަޅުކޭސް ބެހުމުގެ ކަންތައް ކުރިއަށް ގެންދަވާނެކަމަށް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
ރިއެކްޝަންސް






