
ފާޑުކިޔުންތެރިންގެ ދޫތައް ބަންދުކޮށް ކްލަބް ވޯލްޑްކަޕްގެ ރަންބޯޅަ ކޯލް ޕާމާ ހޯދައިފި
ރޭ ފީފާ ކްލަބް ވޯލްޑްކަޕްގެ ފައިނަލްގައި 3-0 ން ފެރިސް ސެއިންޓް ޖެމައިން- ބަލިކޮށް މުބާރާތުގެ ތަށި ޗެލްސީން ހާސިލްކުރިއިރު މޮޅު ކުޅުންތެރިޔާއަށް ދޭ ރަންބޯޅަ ކޯލް ޕާމާ ހާސިލްކޮށްފިއެވެ.
ފައިނަލް މެޗުގައި ޗެލްސީގެ ފުރަތަމަ ދެ ގޯލް ކާމިޔާބުކޮށް ތިންވަނަ ގޯލް ޖެހުމުގައި ވެސް އެހީތެރިވި ޕާމާ ވަނީ ފާޑުކިޔިންތެރިންގެ ދޫތައް ބަންދުކޮށް އޭނާގެ ކާމިޔާބާ ގުޅޭގޮތުން ފަހުރުވެެރިކަމާއެކު ވާހަކަދައްކާފައެވެ.
އެމެރިކާގެ ނިއުޖާސީގެ އީސްޓް ރުޓަފޯޑްގައި 85 ޑިގްރީ ފެރެންހައިޓްގެ ހޫނުމިނުގައި ކުޅުނު ފައިނަލް މެޗުގައި ޕާމާވަނީ އޭނާގެ ގައިގައި ހުރި އައިސްތައް ވިރުވާލާ ފުރަތަމަ ހާފުގެ 8 މިނިޓް ތެރޭގައި ދެގޯލް ކާމިޔާބުކޮށްފައެވެ.
43 ވަނަ މިނިޓްގައި ޗެލްސީއަށް ދެވަނަ ގޯލް ކާމިޔާބުކޮށްދިނުމުގައި ޔާއޮ ނެވެސް ޕެޑްރޯއަށް އެހީތެރިވެ ޕާމާ ވަނީ މުޅި ދުނިޔޭގެ ކުރިމަތީގައި އޭނާގެ ހުނަރު އަނެއްކާވެސް ސާބިތުކޮށްދީފައެވެ.
"އަހަރެން ފައިނަލްތަކުގައި ކުޅުމަށް ވަރަށް ޝައުގުވެރިވޭ. އަނެއްކާވެސް ފައިނަލެއް ކުޅެން މި ލިބުނީ. މިއީ ވަރަށް އުފާވެރި އިޙްސާސެއް. ވަކިން ބޮޑަށް އުފާވެރި މިރޭ. ސަބަބަކީ މެޗުގެ ކުރިން އެންމެންވެސް އަހަރެމެންނަށް މިކަން ވެދާނެބާއޭ ހީކުރި. އެހެންވެ މިކަހަލަ ފައިޓެއް ދެވުނީމަ ހަގީގަތުގައިވެސް ވަރަށް ހިތްހަމަ ޖެހިއްޖެ" މެޗަށްފަހު ނޫސްވެރިންނަށް ޕާމާ ބުނެފައި ވެއެވެ.
ރިއެކްޝަންސް






