
ރޭގެ އެކްސިޑެންޓްގައި ނިޔާވި އަލްސަންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ
އަލްސަންގެ ޖަނާޒާ އޮންނާނީ މިއަދު އަޞްރު ނަމާދަށްފަހު އާސަހަރާގައި
މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓެއްގައި ރޭ ނިޔާވި 17 އަހަރުގެ ޔޫސުފް އަލްސަން މުޙައްމަދު ގެ ޢާއިލާއަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެެ.
އަލްސަން އަކީ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މުޙަައްމަދު ޢަބްދުލް ޣަނީ (ތޭރަވާ) އަދި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުޅެވެ.
މީސްމީޑިއާގެ މަންސަ އެކްސްގައި ރައީސް ލިއުއްވި ތައުޒިޔާގެ މެސެޖުގައި ރޭ ހިނގި ނުރައްކާތެރ އެކްސިޑެންޓްގައި 17 އަހަރުގެ ކުއްޖަކު ނިޔާވި ޙަބަރު އެމަނިކުފާނު އެއްސެވީ ފުންހިތާމައާއެކު ކަމަަށް ވިދާޅުވެފައި ވެއެވެ.
"މަރްހޫމް ޔޫސުފް އަލްސަން މުޙައްމަދަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުންއެދި ދުއާކުރަން. އެ މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ދަންނަވަން" ރައީސްގެ ތައުޒިޔާގެ މެސެޖުގައި ލިޔުއްވާފައި ވެއެވެ.
ރައީސް އިތުރަށްވަނީ އެކްސިޑެންޓްގައި އަނިޔާވެ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ ދެފަރާތަށްވެސް އަވަސް ޝިފާއަަކަށް އެދިވަޑައިގެންފައެވެ.
ހާދިސާގައި އަނިޔާ ލިބުނު 40 އަހަރުގެ މީހާއަށް މިހާރު ފަރުވާ ދެމުންއަންނަނީ ވެންޓިލޭޓަރުގައި ކަމުގައި އައިޖީއެމްއެޗް އިން ވަނީ ބުނެފައެވެ. އަނިޔާ ލިބުނު 16 އަހަރުގެ ކުއްޖާ މިހާރުވަނީ ވޯޑަށް ބަދަލުކޮށްފައެވެ. މި ކުއްޖާއަކީ ނިޔާވި އަލްސަން އާއެކު ސައިކަލްގެ ފަހަތުގައި އިން ކުއްޖާއެވެ. ސައިިކަލް ދުއްވީ ނިޔާވީ އަލްސަން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަލްސަން ގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަޞްރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
ރިއެކްޝަންސް






