ޣައްޒާގެ ކޮންމެ 10 ކުއްޖަކުން 1 ކުއްޖަކަށް ވަނީ 'މަލްނިއުޓްރިޝަން' ގެ މައްސަލަ ކުރިމަތިވެފައި: އަންރްވާ
އެކަށީގެންވާ ކާނާ ނުލިބުމުގެ ސަބަބުން އަނަރޫފަވެފައިވާ ޣައްޒާގެ ތުއްތު ކުއްޖެއް. ފޮޓޯ: އައި އޮން ޕަލަޞްޓައިން

ޣައްޒާގެ ކޮންމެ 10 ކުއްޖަކުން 1 ކުއްޖަކަށް ވަނީ 'މަލްނިއުޓްރިޝަން' ގެ މައްސަލަ ކުރިމަތިވެފައި: އަންރްވާ

އެކަށީގެންވާ ކާނާ ނުލިބުމުގެ ސަބަބުން 67 ކުއްޖަކު ވަނީ ދުނިޔެ ދޫކޮށްފައި

6 hours ago - 18:37
Jul 15, 2025 - 18:41

އދ ގެ އެޖެންސީ އޮން ފަލަޞްޠީނިއަން ރެފިއުޖީސް (އަންރްވާ) ގެ ކްލިނިކްތަކުގައި ސްކްރީން ކުރެވުނު ކޮންމެ 10 ކުއްޖަކުން 1 ކުއްޖަކަށް މަލްނިއުޓްރިޝަންގެ މައްސަލަ ދިމާވެފައިވާކަމަށް އެޖަމާއަތުން ބުނެފިއެވެ. 

މަލްނިއުޓްރިޝަން އަކީ ހަށިގަނޑަށް ބޭނުންވާ ކާނާގެ ބާވަތްތައް ނުލިބުމުގެ ސަބަބުން ހަށިގަނޑު އަނަރޫފަ ވުމަށް ދިމާވާ ހާލަތަށްދިއުމުގެ ސަބަނުން ދިމާވާކަންތައްތަަކެވެ. އދ ގެ ކުޑަކުދިންގެ އިމަޖެންސީ ފަންޑް (ޔުނިސެފް) އިން ފާއިތުވި ޖޫން މަހު ވަނީ ހަނގުރާމަ ފެށިފަހުން ޣައްޒާއިން މަލްނިއުޓްރިޝަންގެ ސަބަބުން 67 ކުއްޖަކު ނިޔާވެފައިވާކަމަށް ބުނެފައެވެ.

ޔުނިސެފްގެ ރިޕޯޓްގައި ވާގޮތުން މެއި މަހު އެކަނިވެސް މަލްނިއުޓްރިޝަންގެ ސަބަބުން ދިމާވި ސިއްހީ އެކި މައްސަލަތަކާއެކު 6 ހަމަހާއި 5 އަހަރާ ދެމެދުގެ 5,119 ކުޑަކުދިންނަށް ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދީފައެވެ. މިއީ އެޕްރީލް މަހާ އަޅާ ބަލާއިރު 50 އިންސައްތަ އިތުރުވުމެއްކަމަށް ބުނެ ޔުނިސެފުން ވަނީ ޣައްޒާގެ ކުޑަކުދިންގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަންރްވާއިން ބުނީ  ފާއިތުވި އަހަރުގެ ޖެނުއަރީން ފެށިގެން އަންރްވާގެ ކްލިނިކްތަކުގައި 5 އަހަރުން ދަށުގެ 240,000 ކުޑަކުދިން ސްކްރީން ކޮށްފައިވާކަމަށާއި, އޭގެތެރެއިން ކޮންމެ 10 ކުއްޖަކުން އެއްކުއްޖަކު މަލްނިއުޓްރިޝަން އާ ހަނގުރާމަކުރަމުންދާކަމަށެވެ. އަންރްވާއިން ވަނީ ހަނގުރާމައިގެ ކުދިން ޣައްޒާގެ ކުޑަކުދިން މަލްނިއުޓްރިޝަންގެ ސަބަބުން ހާލަތު ދަށްވުމަކީ ނާދިރު ކަމެއްކަމަށް ބުނެފައެވެ.

Advertisement
Advertisement

"އަހަރެމެންގެ ޓީމްތަކުން އަންނަނީ ޣައްޒާގެ ކުޑަކުދިންނަށް އެކަށީގެންވާ ކާނާ ނުލިބުނުގެ ސަބަބުން ދިމާވަމުންދާ މައްސަލަތަކާ ގުޅިގެން އިންތިހާއަށް ކަނބޮޑުވުން ފާޅުކުރަމުން. ހާއްސަކޮށް މާޗު މަހު ޣައްޒާ އިންސާނީއެހީއަށް ބަންދުކުރި ފަހުން ހާލަތުވަނީ އިތުރަށް ގޯސްވެފައި. ޣައްޒާގައި ތިބި އަހަރެމެންގެ ނަރުހުން ބުނި ހަނގުރާމައިގެ ކުރިން އެފަދަހާލަތަކަށް އަނަރޫފަވެފައި ތިބި ކުދިން އެމީހުންނަށް ފެނިފައިވަނީ ހަމައެކަނި ޓެކްސްޓް ފޮތްތަކުންނޭ" އުރުދުންގެ އަންމާން އިން ރޮއިޓާސް އާ ވާހަކަދެއްކި އަންރްވާގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް, ޖޫލިއެޓް ތޫމާ ބުނެފައި ވެއެވެ.

މެއި 19 ވަނަ ދުވަހު އިޒްރާއިލްއިން ކޮންމެވެސް ވަރަކަށް އިންސާނީ އެހީގެ ތަކެތި ޣައްޒާއަށް އެތެރެކުރަން ހުއްދަ ދިން ނަމަވެސް އަންރްވާގެ އެހީގެ ސާމާނު ޣައްޒާއަށް އެތެރެކުރުމުގެ ހުއްދަ އަދިވެސް ނުލިބެއެވެ. އެހެންކަމުން އަންރްވާގެ ބޭހާއި, ނިއުޓްރިޝަން ސަޕްލައިސް އަދި, ތެލާއި, ސާފުތާހިރުވުމަށް ބޭނުންވާ ސާމާނު މިހާރު ވަނީ ގާތްގަނޑަކަށް ހުސްވެ އެ ޖަމާއަތުގެ ހަރަކާތްތައް ހުއްޓާލަން ޖެހިފައެވެ.

ޔުނިސެފް އިން ބުނީ މިއަހަރު ފެށިގެން މެއި މަހުގެ ނިޔަލަށް އެކަނިވެސް 16,736 ކުދިން މަލްނިއުޓްރިޝަން ގެ މައްސަލަތަކާއެކު ހޮސްޕިޓާލްތަކުގައި އެނދުމަތިކޮށްގެން ފަރުވާދީފައިވާ ކަމުގައެވެ. އެއީ ދުވާލަކަށް އެވްރެޖްކޮށް އެއީ 112 ކުދިންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow