
މިލާންގައި މޮޑްރިޗް ބޭނުންކުރާނީ 14 ނަމްބަރު ޖަރޒީ
މޮޑްރިޗްގެ ފޭނުން ތިބީ އެކަމާ ހިތުގައި ޖެހިފައި
ރެއާލް މެޑްރިޑްގެ ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް އޭސީ މިލާން އާ ގުޅިފައިވާއިރު އޭނާ ކްލަބްގައި ބޭނުންކުރާ ޖާރޒީ ނަމްބަރަކީ 14 ގެ ގޮތުގައި ދައްކާލައިފިއެވެ. ނަމަވެސް މޮޑްރިޗްގެ ފޭނުން އަންނަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.
މިލާންގެ ޖަރސީ އާއެކު މޮޑްރިޗް ނަގާފައިވާ ފޮޓޯއަކާއެކު އެކްސްގައި ފޭން އަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މިއީ ވަރަށް ގޯސްކޮށް ކޮށްފައި އޮތް ކަމެއްކަމަށެވެ. ޕޯސްޓަށް ކޮމެންޓްކޮށްފައިވާ ގިނަ ފަރާތްތަކުން "މިއީ ވަރަށް ހިތަށް ތަދުވާ ކަމެއް" ކަމަށްވެސް ބުނެފައި ވެއެވެ. މޮޑްރިޗް ރެއާލްގައި ބޭނުންކުރި 10 ނަމްބަރު ޖަރޒީ މިލާނުން އޭނާއަށް ދޭނެކަމަށް ފޭނުންތިބީ އުއްމީދުކޮށްގެންނެވެ.
މިލާންގެ 10 ނަމްބަރު ޖަރޒީ ގައި ކުޅޭނީ ރަފޭލް ލެެއާއޯއެވެ.
ފާއިތުވި ދެތިން ސީޒަންގައި މާ އެދެވޭ ނަތީޖާއެއް ނުލިބި އޮތް އޭސީ މިލާން އަކީ ހަތްފަހަރު ޔޫރަޕްގެ ޗެމްޕިއަން ހޯދާފައިވާ ކްލްބެލެވެ. 39 އަހަރުގެ މޮޑްރިޗް އާއެކު މިލާނުން ކުރީގެ ކާމިޔާބީގެ ރަހަ އަލުން ހޯދުމަކީ މޮޑްރިޗްގެ އަމާޒެވެ.
މިލާންއާއެކު މޮޑްރިޗް އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އިއްޔެ އެވެ. އިތުރު އެއް އަހަރަށް އެއްބަސްވުން އާކުރުމުގެ ފުރުޞަތު ވެސް ލިބިދޭ ގޮތަށް ވީ މި އެއްބަސްވުމަކީ ދޫކޮށްނުލެވޭ ވަރުގެ ފުރުޞަތެއްކަމަށް މޮޑްރިޗް ވަނީ ބުނެފައެވެ.
"މިލާނަކީ ކޮން ފެންވަރެއްގެ ކްލަބެއްކަން އެންމެނަށް އިނގޭނެ. މި ކްލަބުން އަހަންނަށް ދިނީ ދޫކޮށްނުލެވޭނެ ފުރުޞަތެއް. މިލާން އާއެކު އާ ބާބެއް މިފަށަނީ" ދުނިޔޭގެ އެންމެ މޮ ކުޅުންތެރިޔާއަށް ދޭ ބެލެންޑޯ 2018 ގައި ހޯދި މޮޑްރިޗް ބުނެފައި ވެއެވެ. މިލާނުން މޮޑްރިޗް އަށް ފުރަތަމަ އަހަރުގައި މުސާރަ އާއި ބޯނަހުގެ ގޮތުގައި 4 މިލިއަން ރުފިޔާ ލިބޭނެއެވެ.
ރެއާލް މެޑްރިޑްގައި ކާމިޔާބު 13 ސީޒަން ހޭދަކުރުމަށްފަހު މިލާން އަށް ބަދަލުވި މޮޑްރިޗް އާއެކު މިލާނުގެ ކޯޗުކަމާ ދެވަނަ ފަހަރަށް ހަވާލުވި މަސިމޯ އަލެގްރީ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ. މިލާން އާ މޮޑްރިޗް ގުޅޭނެ ކަން ކަށަވަރުކޮށްދިނީ ވެސް އޭނާއެވެ. އަލެގްރީ ބުނީ މޮޑްރިޗް އޭނާގެ ޓީމާ ގުޅުމަކީ ލިބުނު ވަރަށްބޮޑުހިތްހަމަޖެހުމެއް ކަމަށެވެ.
2012 ގައި ޓޮޓްނަމް އިން ރެއާލަށް ބަދަލުވި މޮޑްރިޗް ރެއާލްއާއެކު ބޮޑު 28 ތަށި ހޯދާފައި ވެއެވެ. އޭގެތެރޭގައި ހަ ޗެމްޕިއަންސް ލީގާއި, 4 ސްޕެނިޝް ލީގުވެސް ހިމެނެއެވެ. މޮޑްރިޗް ރެއާލްއަށް ކުޅެދިން އެންމެ ފަހު މެޗަކީ ނިމިދިޔަ ފީފާ ކްލަބް ވޯލްޑްކަަޕްގެ ސެމީ ފައިނަލްގައި ޕީއެސްޖީއަށް ދެކޮޅަށް ކުޅުނު މެޗެވެ.
ރިއެކްޝަންސް






