
ޤަތުލްއާންމުގައި ޝަހީދުކޮށްލި ފަލަޞްޠީނުގެ ރައްޔިތުންގެ ރަސްމީ އަދަދު 58,000 ން މައްޗަށް
އިޒްރާއިލްއިން ޣައްޒާގައި ހުއްޓުމެއްނެތި ޣަތުލްއާންމެއް ހިންގަމުންދާތާ 645 ދުވަސް ވީއިރު ހަމަލާތަކުގައި ޣައްޒާއިން ޝަހީދުކޮށްލި ރައްޔިތުންގެ ރަސްމީ އަދަދު 58,000 ފަހަނަ އަޅައިފިއެވެ.
ޢައްޒާގައި މަދުވެގެން 100 މީހުން ޝަހީދުކޮށްނުލާ ހަމައެންމެ ދުވަހެއްވެސް ފާއިތު ނުވާތާ މިހާރު ވަނީ މަހަކަށްވުރެ ގިނަ ދުވަސްވެފައެވެ. އެހީ ބެހުމުގެ ނަމުގައި ޖަހާފައިވާ މަރުގެ ދަންތުރަ ތަކުގައި 800 އަށް ވުރެ ގިނަ މީހުން ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައި ވަނީ ޝަހީދުކޮށްލާފައެވެ. މި އެންމެންނަކީ ވެސް ހައިހޫނު ކަމުގައި ކާބޯތަކެތި ލިބިގަތުމަށް ކިއޫގައި ތިބި ބަނޑަށްޖައްސުވާފައިވާ ޣައްޒާގެ އާންމު ރައްޔިތުންނެވެ.
އިއްޔެވެސް އިޒްރާއިލްއިން ވަނީ ނުސީރަތު ރެފިއުޖީ ކޭޕްމް ކައިރީގައި ބޯފެންބަލާ ގޮސް ތިބި ބަޔަކަށް އަމާޒުކޮށް ހަމަލާދީ އެތަނުން 10 މީހަކު ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ބޯފެން ލިބިގަތުމަށް ކިއޫގައި ތިބީ 7 ކުޑަކުއްޖަކުވެސް ހިމެނެއެވެ. އިޒްރާއިލް އިން ބުނެފައިވަނީ ބޯފެންބަލާ ގޮސް ތިބި ބަޔަކަށް ހަމަލާ ދެވުމަކީ 'ޓެކްނިކަލް ފެއިލިއަރ' އެއް ކަމަށެވެ.
އިޒްރާއިލްގެ މި ވާހަކައަށް ރައްދުދީ ނެދަލެންޑްސްގެ ޔުނިވަރސިޓީ އޮފް ޔޫޓްރެޗް ގެ ބައިނަލްއަޤުވާމީ ޤާނޫނީ ވަކީލު އަދި އެސިސްޓެންޓް ޕްރޮޕެސަރ, ޖެސިކާ ޑޯސޭ ވިދާޅުވީ ޣައްޒާގެ އާންމުން ހިމާޔަތް ކުރުމަށް އިޒްރާއިލްއިން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާކަމުގައެވެ.
"ހަނގުރާމައިގައި ގޯހެއް ހެދިދާނެ. އެކަމަކު ފާއިތުވި 21 މަސްދުވަހުގެ ތެރޭގައި އާންމުނަށް އަމާޒުކޮށް ދީފައިވާ ގިނަ އަދަދެއްގެ ހަމަލާއަކާއި, ހަމަލާތަކުގައި އާންމުންގެ ފުރާނަ ގޮސްފައިވާ މިންވަރަށް ބަލާއިރު އެފަދަ ބޮޑު ޤަތުލެއް ހިންގާފައި އެއީ އޮޅުމެއް ކަމަށް ބުނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. އަދި އިޒްރާއިލް އަށް އެކަމުން ރެކެވޭނެ ކަމެއްވެސް ނޫން" ޑޯސޭ ވިދާޅުވެފައި ވެއެވެ.
އާދިއްތަ ދުވަހާހަމައަށް ޣައްޒާގެ ހެލްތު މިނިސްްޓްރީން ކަށަވަރުކޮށްފައިވާ މަރުގެ އަދަދަކީ 58,026 އެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ އަންހެނުންނާއި ކުޑަކުދިިންނެވެ.
ހަމަލާތަކުގައި މިހާތަނަށް 138,500 މީހުން ޒަހަމްވެފައިވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.
ހަނގުރާމައިގައި މުޅި ޣައްޒާގެ އާބާދީގެ 2.1 މީހުން ވިއްސި ވިހާލިވެ, މުޅި ޣައްޒާ ބަނޑަށް ޖެހިފައިވާއިރު މިއަދުވެސް ނިއުޓްރިޝަން މަދުވެ ތުއްތު ކުއްޖަކު ނިޔާވެފައިވާކަން އދ ގެ އެޖެންސީ ފޮރ ޕަލަޞްޠީނިއަން ރެފިއުޖީސް (އަންރްވާ) އިން ވަނީ ބުނެފައެވެ.
ރިއެކްޝަންސް






