
އިއްޔެ މިނިވަންކުރި ފަލަޞްޠީނުގެ ރައްޔިތުން ތިބީ 'ފުރައްސާރަ' އެކުލެވޭ ޓީ-ޝަރޓް ގަދަކަމުން ލައްވާފަ
ހަމަލާތައް މެދުކަނޑާލުމާގުޅޭ އެއްބަސްވުމުގެ ދަށުން އަސީރުން މިނިވަންކުރުމުގެ ހަވަނަ ބުރުގައި އިއްޔެ މިނިވަންކުރި ފަލަޞްތީނުގެ އަސީރުން ތިބީ މަލާމާތުގެ މެސެޖެއް ހިމެނޭ ޓީ-ޝަރޓް ގަދަކަމުން ލައްވާފައެވެ. 'ސްޓަރ އޮފް ޑޭވިޑް' ޖަހާފައިވާ އެ ޓީ-ޝަރޓް ތަކުގައި އަރަބިން ލިޔެފައިވަނީ 'އަހަރެމެން ހަނދާނެއް ނުނެތޭނެ, އަދި މާފެއްވެސް ނުކުރާނަން" މިހެންނެވެ.
ހޮނިހިރު ދުވަހު އިޒްރާއިލްގެ 3 ރަހީނުންގެ މިނިވަންކަމުގައި ބަދަލުގައި ފަލަޞްޠީނުގެ 369 އަސީރަކު ވަނީ މިނިވަން ކޮށްފައެވެ. އެމީހުން މިނިވަން ކުރުމުގެ ކުރިން އިޒްރާއިލްގެ ޕްރިޒަން ސަރވިސްއިންވަނީ ބައެއް ޤައިދީން އެ ޓީ-ޝަރޓް ލައްވާ ފޮޓޯނަގާ އާންމުކޮށްފައެވެ. ފަލަޞްޠީނުގެ ރައްޔިތުން ބަސްތަކުން ފޭބި ގަޑިގައި އެމީހުންތިބީ އެ މަލާމާތަށް ލަދުން ޓީ-ޝަރޓްތަކުގެ މެސެޖު ހިމެނޭ ފުށް އެތެރެއަށް ލައިގެންނެވެ. އަދި ފަލަޞްޠީނަށް އާދެވުމަށްފަހު އެމީހުންވަނީ އާންމުންގެ ކުރިމަތީގައި ޓީ-ޝަރޓްތަކުގައި އަލިފާން ރޯކޮށް އަންދާލާފައެވެ.
އަލްޖަޒީރާއިން އިން އާންމުކޮށްފައިވާ ފުޓޭޖެއްގައި ޣައްޒާގެ ޚާން ޔޫނިސްގެ ޔޫރަޕިއަން ހޮސްޕިޓަލްގައިރީގައި އެމީހުން ޓީ-ޝަރޓްތަކުގައި ރޯކޮށްލާފައިވާ މަންޒަރު ފެނެއެވެ.
އިޒްރާއިލްގެ މި ނޭއްގާނީ އަމަލު ހަމާސް އާއި އިސްލާމިކް ޖިހާދު ޖަމާއަތުންވެސް ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އެގޮތަށް ފުރައްސާރަ ކުރުމަކީ އިންސާނި ހައްޤުތަކާގުޅޭ ޤާނޫނުތަކާ ޚިލާފް އަމަލެއްކަމަށްވެސް ވެސް ވަނީ ބުނެފައެވެ. އަދި އެއީ ފަލަޞްޠީނުގެ ރައްޔިތުންގެ އިންސާނީ ކަރާމާތް ނަގާލުން ކަމަށްވެސް ވަނީ ބުނެފައެވެ.
ދޯހާ އިންސްޓިޓިއުޓްގެ ޕްރޮފެސަރ މުޙައްމަދު އެލްމަޞްރީ ވަނީ އިޒްރާއިލްގެ މި ޢަމަލަކީ ފަލަޞްޠީނުގެ ރައްޔިތުންގެ އިންސާނީ ކަރަމާތް އުނިކުރުމަށް ހިންގާ އަމަލުތަކަށް އިތުރުކުރި ބޮޅެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އަސީރުން މިނިވަންކުރުމުގައި އެއްފަރާތުން އަނެއް ފަރާތަށް އަސީރުން ގެންދިއުމަށް ހަރަކާތްތެރިވާ އިންޓަނޭޝަނަލް ކޮމިޓީ އޮފް ދި ރެޑް ކްރޮސް (އައިސީއާރުސީ) އިން ވެސް ވަނީ އިންސާނީ ކަރާމާތް އުނި ނުވާނެ ގޮތަށް އަމަލުކުރުމަށް ދެފަރާތަށްވެސް އިލްތިމާސްކޮށްފައެވެ.
ހަމަލާތައް މެދުކަނޑާލުމާގުޅޭ އެއްބަސްވުމުގެ ދަށުން މިހާތަނަށް 24 ރަހީނަކު ވަނީ މިނިވަންކޮށްފައެވެ. އަދި އިޒްރާއިލްގެ ޖަލުތަކުގައި ތިބި ފަލަޞްޠިނުގެ އަސިރުންގެ ތެރެއިން 985 މީހަކުވެސް ވަނީ މިނިވަންކޮށްފައެވެ.
ރިއެކްޝަންސް






