މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރު މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އިތުރު ވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފެބްރުއަރީ 15 ވަނަ ދުވަހާ ހަމައަށް 334،698 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ޒިޔާރަތްކުރީ 309،411 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 7.5 އިންސައްތައިގެ ކުރިއެރުމެކެވެ.
މިއަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ޗައިނާއިންނެވެ. އެއީ 53،222 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އަދި ލިސްޓުގައި ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް އޮތީ ޔޫކޭ އިންނެވެ. މިތިން ގައުމަކީ މިދިޔަ އަހަރުވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ތިން ގައުމެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 69.4 އިންސައްތަ ދަނީ ރިޒޯޓު ތަކަށް ކަމަށް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކައެވެ. 25.5 އިންސައްތަ ފަތުރުވެރިން ގެސްޓް ހައުސް ތަކަށް ދާއިރު، ހޮޓެލް ތަކަށާއި ސަފާރީ އުޅަނދު ތަކަށް ދަނީ 3 އިންސައްތަ އަށްވުރެ މަދު ފަތުރުވެރިންނެވެ.
Advertisement
Advertisement
ފަތުރުވެރިންނަށް ޚިދުމަތްދޭ 172 ރިޒޯޓެއް ރާއްޖޭގައި އޮޕަރޭޓް ކުރެއެވެ. އަދި 796 ގެސްޓް ހައުސްއާއި 155 ސަފާރީ އުޅަނދުން ފަތުރުވެރިންނަށް ޚިދުމަތް ދެއެވެ. ރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ އެކި ރެކޯޑުތައް ގާއިމުކޮށް ރަންވަނަ ތަކެއް ހާސިލުކޮށްފައިވާ ގައުމެކެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.