ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އާއި އަނބިކަނބަލުންގެ ކަރަޕްޝަންއާ ގުޅޭ މައްސަލައްގައި ޖަލަށްލާން ހުކުމްކޮށްފި
އިސްލާމް އާބާދު, ޕާކިސްތާން – ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން 14 އަހަރަށް އަދި އަނބިމީހާ 07 އަހަރަށް ޖަލަށްލާން ހުކުރު ދުވަހު ހުކުމް ކޮށްފިއެވެ. ޚާން, އަދި ބުޝްރާ ބީބީ އަށް ހުކުމް ކޮށްފައިވަނީ ޙާންގެ މަސްލަޙާތު ހިމެނޭ އަލް-ޤާދިރް ޔުނިވަރސިޓީ ޓްރަސްޓް ޕްރޮޖެކްޓެއްގައި މަޤާމުގެ ނުފޫޒު ފޯރުވައިގެ ނާޖާއިޒު މަންފާއެއް ހޯދިކަމުގެ ކުށުގައެވެ.
ޖަލު ހުކުމްގެ އިތުރުން ދެފަރާތް ވަނީ ބޮޑު އަދަދަކުން ޖޫރިމަނާވެސް ކޮށްފައެވެ. އިމްރާން ޙާން 1 މިލިއަން ޕާކިސްތާން ރުޕީސް (3,500 އެމެރިކާ ޑޮލަރު) އަދި ބުޝްރާ ބީބީ ވަނީ އެ އަދަދުގެ ދެބައިކުޅަ އެއްބަޔަށް ޖެހޭވަރުން ޖޫރިމަނާކޮށްފައެވެ.
އިމްރާން ޙާން 2023 އޯގަސްޓުން ފެށިގެން ހުންނަނީ އެހެން އިތުރު ތިން ކުށެއް ސާބިތުވެ ރާވަލް ޕިންޑީގެ އަދިއާލާ ޖަލުގައެވެ.
ކުރީގެ ހުކުމްތަކުގެ ތެރޭގައި ޤައުމުގެ ހަދިޔާތައް ވިއްކުމާއި, ޤައުމުގެ ސިއްރުތައް ލީކުކުރުން އަދި ހުއްދަނޫން ކައިވެނި ކުރުމުގެ ކުށްވެސް ހިމެނެއެވެ. އެ ހުރިހާ ހުކުމްތައްވެސް ފަހުން ބާތިލްކޮށްފައި ވީނަމަވެސް އިމްރާން ޚާން ޖަލުން މިނިވަންކޮށްފައެއް ނުވެއެވެ. އެއީ އިމްރާން ޚާން އާ ގުޅޭ އެތައް މައްސަލައެއް ޕާކިސްތާނުގެ ކޯޓުތަކުގައި މިހާރުވެސް ކުރިއަށް ދާތީއެވެ.
2023 މެއި ގައި ފުރަތަމަ ފަހަރަށް ޚާން ހައްޔަރުކުރުމާއިއެކު އޭނާގެ ސަޕޯޓަރުން މުޅި ޕާކިސްތާނުގެ ގިނަ ސިޓީތަކެއްގައި ދިގުދެމިގެންދިޔަ ބޮޑެތި މުޒާހަރާތަކެއް ކުރިއެވެ.
ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގައި ނެގި އިތުބާރުނެތްކަމުގެ ވޯޓުގައި ބޮޑުވަޒީރު ކަމުގެ މަޤާމުން އިމްރާން ޙާން ވަކިކުރީ 2022 ވަނަ އަހަރުގެ އެޕްރީލް މަހުއެވެ. ޙާން ވަނީ އެއީ އެމެރިކާ އަޑީގަ އޮވެގެން ޕާކިސްތާނުގެ މިލިޓަރީގެ ބައިވެރިވުން އޮވެގެން ކުރި ކަމެއްކަމަށް ތުހުމަތުކޮށްފައި ވެއެވެ. ނަމަވެސް އެމެރިކާ އަދި ޕާކިސްތާނުގެ އަސްކަރިއްޔާއިންވެސް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއަކީ އަބަދުވަސް އެޤައުމުގެ ސިޔާސީ މައިދާނުގައި ނުފޫޒުގަދަ ބައެކެވެ. 1947 ން ފެށިގެން ޕާކިސްތާނުގެ ވެރިކަން ހިންގަމުން އަންނަނީވެސް އަސްކަރިއްޔާގެ ފުރިހަމަ ބާރުގެދަށުން އައްޔަނުކުރާ ބޮޑުވަޒީރަކު ހުރެގެންނެވެ. ފާއިތުވެ ދިޔަ 30 އަހަރު ޕާކިސްތާނުގައި ވެރިކަންކުރި އެއްވެސް ބޮޑުވަޒީރަކަށް ދައުރު ފުރިހަމަ ކުރެވިފައެއް ނެތެވެ.
ހުދު އިމްރާން ޚާން ބޮޑުވަޒީރު ކަމަށް ގެނައުމުގައިވެސް އަސްކަރިއްޔާ ވަނީ އޭރު އިމްރާން ޚާންއަށް ފުރިހަމަ ސަޕޯޓް ދީފައެވެ.
ރިއެކްޝަންސް