ހާލަންޑް މެންޗެސްޓަރ ސިޓީއާއެކު އިތުރު 10 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
މެންޗެސްޓަރ ސިޓީގެ ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް އެކްލަބާއެކު ހަދާފައިވާ އެއްބަސްވުން 2034 ވަނަ އަހަރުގެ ހޫނުމޫސުމާ ހަމައަށް އާކޮށްފިއެވެ.
24 އަހަރުގެ ހާލަންޑު ސިޓީއަށް ބަދަލުވީ 2022 ވަނަ އަހަރުގެ ހޫނު މޫސުމުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އިންނެވެ. ސިޓީގައި މިހާރުވެސް ދެ ސީޒަނާ ބައި ހޭދަކޮށްފައިވާ ހާލަންޑްގެ ކޮންޓްރެކްޓް އިތުރު 10 އަހަރަށް އާކުރީ ހުކުރު ދުވަހު ބޭއވި ހަފްލާއެއްގައެވެ.
ހާލަންޑް އެއްބަސްވުން އިތުރުކުރި އަގު މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފުޓްބޯޅައިގެ ހަބަރުތައް ގެނެސްދޭ އީއެސްޕީއެންގެ މަސްދަރުތަކުން ބުނާގޮތުން މިއީ ކުޅިވަރުގެ ތާރީޚްގައި އެންމެ އަގުބޮޑު އެއް އެއްބަސްވުމަށް ވެގެންދާނެއެވެ.
ހާލަންޑް މިހާތަނަށް ސިޓިއާއެކު ބޮޑު ތިން ތަށި ކާމިޔާބުކޮށްފައި ވެއެވެ. އެއީ ޕްރިމިއަރ ލީގު, އެފްއޭ ކަޕް އަދި ޗެމްޕިއަންސް ލީގެވެ. އޭނާ ވަނީ ސިޓީގެ ޖޯޒީގައި މިހާތަނަށް 126 މެޗު ކުޅެ 111 ގޯލް ކާމިޔާބުކޮށްދީފައެވެ.
ފާއިތުވި ސީޒަނުގައި ހާލަންޑް ވަނީ ހުރިހާ މުބާރާތަކުން 52 ގޯލް ކާމިޔާބުކޮށްފައެވެ. ޕްރިމިއަރ ލީގުގައި ކާމިޔާބުކުރި 36 ގޯލާއެކު ލީގުގެ ރަންބޫޓުވެސް ޙާސިލްކުރީ ހާލަންޑްއެވެ.
ޕްރިމިއަރ ލީގުގެ 2024/2025 ގެ ސީޒަންގެ 21 މެޗުން 16 ގޯލް ކާމިޔާބުކޮށް, ހުރިހާ މުބާރާތެއްގެ 28 މެޗުން 21 ގޯލް އޭނާވަނީ މިހާތަނަށް ކާމިޔާބުކޮށްފައެވެ.
ހާލަންޑް މީގެ ކުރިންވެސް ވަނީ އިންޑިވިޖުއަލް އެތައް ކާމިޔާބީ ތަކެއް ޙާސިލްކޮށްފައެވެ. އެގެ ތެރޭގައި ޕްރިމިއަރ ލީގުގެ ޕްލޭޔަރ އޮފް ދި އިޔަރ, ޔަންގް ޕްލެޔަރ އޮފް ދި އިޔަރ އަދި ފުޓްބޯލް ރައިޓާރސް އެސޯސިއޭޝަން އޮފް ދި އިޔަރ ވެސް ހިމެނެއެވެ.
ސިޓީ އާއެކު އެއްބަސްވުން އާކުރުމަށްފަހު ހާލަންޑު ބުނީ ކްލަބާއެކު އާ އެއްބަސްވުމެގައި ސޮއިކުރެވުމުން އޭނާ ހުރީ ވަރަށް އުފަލުން ކަމުގައާއި ސިޓީއާއެކު އަދިވެސް ގިނަ ދުވަސްތަކެއް ހޭދަކުރަން އޭނާ އެދޭކަމުގައެވެ.
"މެންޗެސްޓަރ ސިޓީއަކީ ޙާއްސަ ކްލަބެއް. މިތާގައި އުޅެނީ ވަރަށް ލޯބި މީހުން އަދި އެހާމެ ރަނގަޅު ސަޕޯޓަރުން. މިކަހަލަ މާހައުލެއްގައި އުޅެންޏާ ކޮންމެ މީހެއްގެވެސް އެންމެ ރަނގަޅު ފެންވަރު ދެއްކޭނެ. އަހަރެން ބޭނުން ކޯޗު ޕެޕް އަދި މުޅި ކޯޗިން ސްޓާފަށްވެސް ޝުކުރު އަދާކުރަން. އަހަރެންނާ އެކީ ކުޅޭ ހުރިހާ ކުޅުންތެރިންނާއި ސަޕޯޓަރުންނަށްވެސް. ފާއިތުވި ދުވަސްތަކުގައި ތި އެންމެންވެސް އަހަންނަށް ވަރަށް އެހީވި. އަހަރެން ބޭނުންވަނީ ކުރިއަށް ވުރެވެސް ރަނގަޅުވާން. ފެންވަރު މަތިކޮށް ކްލަބަށް އިތުރު ކާމިޔާބިތައް ހޯދައިދޭން" ހާލަންޑް ބުންޏެވެ.
ސިޓީގެ ފުޓްބޯޅަ ޑިރެކްޓަރު ބުނެފައިވަނީ އެހާ ޅައުމުރުގައި ހާލަންޑް ދުނިޔޭގެ އެންމެ މޮޅު ސްޓަރައިކަރަށް ވެއްޖެކަމަށާއި, އިތުރަށް ކުރިއަށްގޮސް އޭނާއަކީ ދުނިޔޭގެ ފުޓްބޯޅަ އަށް ޤަބޫލުކުތަންދަތި ބޮޑު ލެގަސީއެއް ދޫކޮށްލާނެ ކުޅުންތެރިއަކަށް ވާނެ ކަމުގައެވެ.
ރިއެކްޝަންސް