
ބޫޓާން އަތުން ހޯދި ޕޮއިންޓާއެކު ސާފް 19 އަހަރުންދަށުގެ މުބާރާތުގެ ސެމީއަށް ރާއްޖެ
ސާފް 19 އަހަރުން ދަށުގެ މުބާރާތުގައި ދިވެހިރާއްޖެ އާއި ބޫޓާން ބައްދަލުކުރި މެޗު 2-2 ން އެއްވަރުވެ, މުބާރާތުގެ ސެމީފައިނަލަށް ރާއްޖެ ދަތުރުކޮށްފިއެވެ. މިއީ 2019ގެ ފަހުން ސާފްގެ އުމުރުފުރާ މުބާރާތެއްގެ ސެމީއަށް ރާއްޖެ ދަތުރުކުރި ފުރަތަމަ ފަހަރެވެ.
އިންޑިއާގެ އަރުނާޗަލް ޕްރަސޭޝްގެ ގޯލްޑަން ޖުބިލީ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ފެށިގެންވެސް ގިނަ ވަގުތުތަކެއް ވަންދެން ރާއްޖެއިން ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދެއްކިއެވެ. ރާއްޖޭގެ ޓީމުން ފޮނުވާލި ރަނގަޅު ހަމަލާތަކެއް އިދިކޮޅު ޓީމުން ދިފާއުކުރުމުގެ ތެރޭގައި ބޫޓާންގެ ފަރާތުން ގިނަ ފައުލްތަކެއްވެސް ފެނިގެންދިޔައެވެ.
މެޗުގައި ފުރަތަމަ ގޯލް ކާމިޔާބުކުރީ ބޫޓާން އިންނެވެ. ފުރަތަމަ ހާފު ނިމެންދަނިކޮށް ބޫޓާން އަށް ލީޑު ނަގައިދިނީ އެޓީމުގެ ލަމް ޓެންޒިން އެވެ. މެޗުގައި ރާއްޖޭގެ ކީފަރު ޒަހުރާންގެ ފަރާތުން ރަނގަޅު ސޭވަތަކެއްވެސް ފެނިގެން ދިޔައެވެ. އެގޮތުން ދެވަނަ ހާފު ފެށުނު ތަނާހެން ބޫޓާން އިން ގޯލަށް އަމާޒުކޮށް ފޮނުވާލި ރަނގަޅު ހަމާލާއެއްވެސް ވަނީ ދިފާއުކޮށްފައެވެ.
ރާއްޖެ އިން ނަތީޖާ އެއްވަރުކުރީ މެޗުގެ 76 ވަނަ މިނިޓްގައި އައިދުގެ ގޯލަކުންނެވެ. ބަދަލު ކުޅުންތެރިެއްގެ ގޮތުގައި ކުޅެން ނިކުއިން އަޝްހަމް ބޮލުން ދިން ބޯޅަ ކޮންޓްރޯލްކޮށްލާ, މަޑުމަޑުން ބޫޓާންގެ ޑިފެންސްގެ ތެރެއަށް ދެމިގަނެ އައިދު ވަނީ ގޯލްގެ ތިރީކަނަށް ބޯޅަ ފޮނުވާލާފައެވެ. ރާއްޖެއިން ލީޑު ނެގީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ, އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައެވެ. ލީޑް ނަގައިދިނީ ފުރަތަމަ ގޯލް ޖެހުމުގައިވެސް އެހީތެރިވި އަޝްގަމް އެވެ.
އިތުރު ވަގުތުގެ ކުޅުން ނިމުމަކަށް އައިއިރު މެޗު އެއްވަރުކޮށްލައިގެންވެސް ސެމީއަަށް ދެވެން އޮތް ރާއްޖެއޮތީ ގާތްގަނޑަކަށް ސެމީ ކަށަވަރުކޮށްގެންނެވެ. ނަމަވެސް ފަހު މިނިޓްގައި ބޫޓާާންގެ ޗޮގްޔެލް ޝެރާބް ގޯލެއް ޖަހާ ނަތީޖާ އެއްވަރުކުރުމާއެކު ރާއްޖެއަށް މެޗުން މޮޅުވެގެން ސެމީއަށް ދެވުމުގެ ހިތްހަމަޖެހުން ވަނީ ގެއްލިފައެވެ.
މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ވަނީ ބަނގްލަދޭޝް އަތުން 2-2 ން އެއްވަރުވެފައެވެ. ސެމީ ފައިނަލްގައި ރާއްޖެ އާ ދެކޮޅަށް ކުޅޭނެ ޓީމެއް އެނގޭނީ އިންޑިއާ އާއި ނޭޕާލް ބައްދަލުކުރާ މެޗުގެ ނަތީޖާއަށްފަހުއެވެ. ރާއްޖެ ސެމީގައި ކުޅޭނީ އެމެޗުން ބަލިވާ ޓީމާ ދެކޮޅަށެވެ. މޮޅުވާ ޓީމް ސެމިީ ފައިނަލްގައި ބައްދަލުކުރާނީ ރާއްޖެ ހިމެނޭ ގްރޫޕްގެ އެއްވަނަ ބަނގްލަދޭޝް އާއެވެ. ބަނގްލަދޭޝް ވަނީ ރައްޖެއާ އެއްވަރުކޮށް, ބޫޓާން ބަލިކޮށްފައެވެ. ގްރޫޕްގެ އެއްވަނަ ހޯދީ 4 ޕޮއިންޓާއެކުއެވެ. ރާއްޖެއަށް ދެވަނަ ލިބުނީ 2 ޕޮއިންޓާއެކުއެވެ.
ރިއެކްޝަންސް






