ލަންކާގައި ތާށިވެފައި ހުރި 2500 އަށްވުރެ ގިނަ ކޮންޓައިނަރ އަންނަ ހަފުތާގައި ރާއްޖެއަށް ގެނެވޭނެ: މިނިސްޓަރު ސަޢީދު

ލަންކާގައި ތާށިވެފައި ހުރި 2500 އަށްވުރެ ގިނަ ކޮންޓައިނަރ އަންނަ ހަފުތާގައި ރާއްޖެއަށް ގެނެވޭނެ: މިނިސްޓަރު ސަޢީދު

1 hour ago - 11:35

ސްރީލަންކާގައި ތާށިވެފައި ހުރި 2500 އަށްވުރެ ގިނަ ކޮންޓައިނަރގެ މުދާ އަންނަ ހަފުތާގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.


ވަޒީރު ސަޢީދު މިހެން ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ޝިޕިން ރޫޓުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް މުދާ ގެނައުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުންނެވެ. ވަޒީރު ވިދާޅުވީ މި ހަމަނުޖެހުންތަކުގެ ސަބަބުން ލަންކާ މަގުން ރާއްޖެއަށް މުދާ ގެނައުމުގައި ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.


"ހަނގުރާމައާއި ގުޅިގެން އައި ބަދަލުތަކާއެކު، ލަންކާގައި މިވަގުތު ލަސްވެފައިހުރި ކޮންޓައިނަރ، ކުރިއަށް އޮތް ހަފުތާގައި އަޅުގަނޑުމެންނަށް އެމްޕީއެލްއިން މަޢުލޫމާތު ދެއްވާ ގޮތުގައި 2500 އަށްވުރެ ގިނަ ކޮންޓައިނަރގެ ތަކެތި 3 ވެސެލްއިން ދިވެހިރާއްޖެއަށް ގެންނާނެ،" ވަޒީރު ވިދާޅުވިއެވެ.


މިނިސްޓަރ ސަޢީދު އިތުރަށް ވިދާޅުވީ، މުދާ ގެނައުމުގައި ހުރި ދަތިތައް ހައްލުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތްތަކުގެ ސަބަބުން މުދާ ގެނައުމުގައި އޮތް ބާރުބޮޑުވުން ނުވަތަ ލޯޑު ކުޑަކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އެހެން އަހަރުތަކާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު 19 އިންސައްތައާއި 20 އިންސައްތައާ ދެމެދުގެ އަދަދަކަށް އިތުރުވެފައިވާ ކަމަށެވެ.

މީގެއިތުރުން، ތަފާސްހިސާބުތަކަށް ބަލާއިރު އަސާސީ ކާބޯތަކެތީގެ އަގުތަކަށް އައިސްފައިވާ ބަދަލުތައްވެސް ވަޒީރު ވަނީ ހާމަކުރައްވާފައެވެ. އެގޮތުން މިދިޔަ މާރިޗު މަހު އަސާސީ ކާބޯތަކެތީގެ ޕްރައިސް އިންޑެކްސް މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފައިވަނީ އެންމެ 1.95 އިންސައްތަ ކަމަށާއި، ވަކިން ހާއްސަކޮށް މޭވާއާއި ތަރުކާރީގެ އަގުތައް ބޮޑުތަނުން ދަށްވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިދިޔަ އަހަރާ އަޅާބަލާއިރު ތަރުކާރީގެ އަގު 5 އިންސައްތަ ދަށަށް ގޮސްފައިވާއިރު، މޭވާގެ އަގު 15.56 އިންސައްތަ ދަށަށް ގޮސްފައިވާކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow