
ސައްހަނޫން ޓްރާންސްފަރ ސްލިޕް ފޮނުވި މައްސަލައެއްގައި 22 އަހަރުގެ އަންހެނަކު ހޯދަނީ
ސައްހަނޫން ޓްރާންސްފަރ ސްލިޕް ފޮނުވި މައްސަލައެއްގައި 22 އަހަރުގެ ދިވެހި އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
ތަހުގީގަށް ފުލުހުން ހޯދަނީ ހދ.މަކުނުދޫ ލުބޯގަސްދޮށުގެ، ޢާއިޝަތު މަލީހާ އެވެ. މަލީހާ ހޯދަން ފުލުހުން އިއުލާނުކުރީ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ, ސައްހަނޫން ޓްރާންސްފަރ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގަށެވެ.
ފުލުހުން ވިދާޅުވީ މައްސަލައިގެ ތަހުގީގަށް މަލީހާ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށެވެ. އެހެންކަމުން ޢާއްމުކޮށް އިއުލާނުކުރީ ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުންނެވެ.
ފުލުހުން ވިދާޅުވީ މަލީހާ ހާޒިރުކުރަނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް ކަމަށެވެ. މަލީހާ ހާޒިރުވާން ޖެހެނީ މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށެވެ.
މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ޏ. ފުވައްމުލައް / ދިގުވާޑް. ވެލިގާ، ޙަސަން ސަޢީދު (34އ) ހޯދަންވެސް ފުލުހުން ވަނީ އިއުލާނުކޮށްފައެވެ. އޭނާ ހާޒިރުވާން ޖެހެނީ މިމަހުގެ 19 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ޕޮލިސް ސްޓޭޝަނަށެވެ.
ރިއެކްޝަންސް






