އެމްޑީޕީގެ ރިޔާސީ ޕްރިމަރީގައި ވާދަކުރައްވާނެކަން ފައްޔާޒު އިއުލާނުކުރައްވައިފި
ކުރީގެ ރައީސް ޔާމީނުވެސް ވަނީ ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ
އެމްޑީޕީގެ ރިޔާސީ ޕްރިމަރީގައި ވާދަކުރައްވާނެކަން އެޕާޓީގެ ޗެއަރޕަސަން ފައްޔާޒު އިސްމާއީލް އިއުލާނުކުރައްވައިފި އެވެ. ފައްޔާޒު މިކަން އިއުލާނުކުރެއްވީ މިއަދު އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރުން ތިއްބަވާ ގްރޫޕަށް ފޮނުވި މެސެޖެއްގައެވެ. އެކަން ގައުމީ މަޖިލިހުގެ ބައެއް މެމްބަރުން ކަށަވަރުކޮށްދެއްވިއެވެ.
ފައްޔާޒު އެމްޑީޕީގެ ރިޔާސީ ޕްރިމަރީގައި ވާދަކުރައްވާނެ ކަމަށް ކުރިންވެސް އޮތީ ބެލެވިފައެވެ. ވާދަކުރައްވާނެކަން އިއުލާނުކުރައްވާ ފައްޔާޒު ވަނީ ގައުމީ މަޖިލިހުގެ މެމްބަރުންގެ ތާއީދަށްވެސް އެދިފައެވެ. އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދުވެސް ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާ, އެކަމަށް ޓީމް އެކުލަވާލައްވައިގެން މަސައްކަތް ފައްޓަވާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. ނަމަވެސް އެކަން އިއުލާނެއް ނުކުރައްވައެވެ. މިހާތަނަށް އެމްޑީޕީގެ ރިޔަސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރެއްވި ބޭފުޅަކީ ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒެވެ.
މިސަރުކާރަށް އެއް އަހަރު ފުރުނު ދުވަހު ޓީވީ ޕްރޮގްރާމެއްގައި ފައްޔާޒު ވަނީ ވާދަކުރެއްވުމުގެ ޝައުގުވެރިކަން އޮތްކަން ހާމަކުރައްވާފައެވެ. ފައްޔާޒުގެ އިތުރުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމެވެ. ހުކުމެއް ނެތްނަމަ ވާދަކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރިއިމަރީގައި މާލޭ މޭޔަރު އާދަމް އާޒިމް ވާދަކުރައްވާނެ ކަމުގެ އަޑުތައްވެސް ގަދައެވެ.
ރިއެކްޝަންސް