އިޒްރާއިލްއިން ފާއިތުވެދިޔަ 48 ގަޑިއިރު ތެރޭ ޣައްޒާގައި 120 މީހުން މަރާލައިފި, ލުބުނާނުގައިވެސް ހަމަލާތައް ކުރިއަށް!
އުތުރު ޣައްޒާގެ ޖަބާލިއާ ރެފިއުޖީ ކޭމްޕާއި ޣައްޒާގެ އިތުރު ސަރަޙައްދުތަކަށް އިޒްރާއިލްގެ އަސްކަރިއްޔާއިން ދިން ވައިގެ ހަމަލާތަކުގައި ފާއިތުވި 48ގަޑިއިރު އެކަނިވެސް 120 މީހުން މަރާލައިފިއެވެ. އަލްޖަޒީރާގެ ކަރެސްޕޮންޑެންޓުންނާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވާ ގޮތުގައި އުތުރު ޣައްޒާއަށް ދިން ހަމަލާ ތަކުގައި ކަމާލް އަދުވާން ހޮސްޕިޓަލަށްވެސް ހޮނިހިރު ދުވަހު އިޒްރާއިލްއިން ވަނި އަނެއްކާވެސް ހަމަލާ ދީފައެވެ. ފަލަޞްޠީނުގެ ހެލްތު މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި ފާއިތުވެ ދިޔަ ދެ ދުވަހު ދިން ހަމަލާތަކުގައި އިތުރު 205 މީހަކު ވަނީ ޒަޙަމް ވެފައެވެ.
ފަލަޞްޠީނުގައި ހުއްޓުމެއްނެތި އިޒްރާއިލްގެ އުދުވާނު ކުރިއަށް ގެންދާއިރު ލުބުނާނަށްވެސް އިޒްރާއިލްއިން ދަނީ ވައިގެ މަގުން ހަމަލާދެމުންނެވެ. މެދުތެރޭ ބެއިރޫތްގެ ބަސްޓާ ނެއިބަރހުޑް އަށް ހޮނިހިރު ދިން ހަމަލާއެއްގައި 11 މީހަކު މަރުވެފައިވާކަމަށް ލުބުނާންގެ މަދަނީ ދިފާއުގެ ފަރާތުން މަޢުލޫމާތު ދީފައިވާކަމަށް އަލްޖަޒީރާގައި ރިޕޯޓްކޮށްފައި ވެއެވެ.
އިޒްރާއިލްގެ ވައިގެ ހަމަލާތައް ދެކުނު ލުބުނާނުގެ މީހުން ދިރިއުޅޭ ހަދަތް އަދި ޝޮއިފަތް ސަރަޙައްދަށް އަމާޒުކޮށް ދީފައިވާއިރު ޓައިރޭ ބީޗްގައި މަސްވެރިކަމުގައި އުޅުނު ދެ މަސްވެރިއަކަށްވެސް ޑްރޯން ބޭނުންކޮށްގެން ހަމަލާދީ މަރާލާފައި ވެއެވެ.
އދ ގެ އެޖެންސީ އޮން ފަލަޞްޠީނިއަން ރެފިއުޖީސް (އަންރްވާ) އިން މަޢުލޫމާތުދޭ ގޮތުގައި އިޒްރާއިލްއިން ޣައްޒާއަށް ދީފައިވާ ހަމަލާތަކުގެ 80 އިންސައްތަ ސީދާ އަމާޒުކޮށްފައިވަނީ މީހުން ދިރިއުޅޭ ގެތަކަށެވެ. އަދި ހަމަލާތަކުގައި މަރާލި މީހުން މަރާފައިވަނީ ގެތަކުގައި އެމީހުން ދިރިއުޅެމުން ދަނިކޮށްކަމަށްވެސް އަންރްވާއިން ވަނީ މައުލޫމާތު ދީފައެވެ. ހަމަލާތަކަށް 400 އަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ޣައްޒާގެ އާބާދީގެ 1.9 މިލިއަން މީހުން (އާބާދީގެ 90 އިންސައްތަ) މީހުންވަނީ ގެދޮރު ގެއްލި ވިއްސި ވިހާލި ވެފައެވެ.
ހަމަލާތަކުގައި މިހާތަނަށް 44,176 މީހުން ޣައްޒާއިން މަރުވެފައިވާކަމަށް ރަސްމީ ލިޔެކިޔުންތަކުން ދައްކާއިރު 2023 އޮކްޓޯބަރު 7 ގެ ފަހުން ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 104,000 ށް ވުރެ ވަނީ މަތިވެފައެވެ. ލުބުނާނުން މިހާތަނަށް 3645 މީހުން މަރުވެފައިވާއިރު 15,000 ށްވުރެ ގިނަ މީހުންވަނީ ޒަޙަމްވެފައެވެ.
ރިއެކްޝަންސް