ޕްރިމިއަރ ލީގު: އާސެނަލްގެ އެނބުރި އައުން, ޗެލްސީއަށް ވެސް މޮޅެއް
އިނގިރޭސި ޕްރިމިއަރ ލީގުގައި 3-0 ން ނޮޓިންގހަމް ފޮރެސްޓް ބަލިކޮށް, ޖެހިޖެހިގެން ހަތަރު މެޗުން މޮޅުނުވެވި އޮތް އޮތުމުގެ ހިތިކަން އާސެނަލްއިން ފިލުވާލައިފިއެވެ. ހޮނިހިރު ދުވަހު ލެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ވެސް ވަނީ މޮޅުވެފައެވެ. ޗެލްސީ މެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާ އަކުންނެވެ.
އާސެނަލްގެ ދަނޑުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުގައި އާސެނަލްގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ބުކާޔޯ ސަކާ އެވެ. މެޗުގެ 15 ވަނަ މިނިޓްގައި އާސެނަލްއަށް ލީޑުނަގައިދިނުމަށް އެހީތެރިވީ ކެޕްޓަން މާޓިން އޮޑެގާޑް އެވެ. އާސެނަލްއިން އިތުރު ހަމަލާތައް އުފެއްދިނަމަވެސް ފުރަތަމަ ހާފު ނިންމާލިއިރު އިތުރު ގޯލެއް ކާމިޔާބު ކުރާނެ ފުރުޞަތު ފޮރެސްޓްގެ ކީޕަރު މަޓްޒް ސެލްސް އާސެނަލް އަކަށް ނުދިނެވެ. ނަމަވެސް މެޗުން ތިން ޕޮއިންޓް ހޯދުމަށް ކެތްމަދުވެފައި ހުރި ކޯޗު މިކޭލް އާޓަޓޭ އަށް މި ނަތީޖާއިން މެޗު ނިންމާލަން ބޭނުމެއް ނުވިއެވެ.
ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ އާސެނަލް އަށް ލީޑު ފުޅާކޮށްދިނީ ތޯމަސް ޕާޓޭއެވެ. 52 ވަނަ މިނިޓްގައި އާސެނަލްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނުމަށް އެހީތެރިވީ ބުކާޔޯ ސަކާއެވެ. އާސެނަލްގެ ތިންވަނަ ގޯލް 86 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީވެސް ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނިކުއިން އީތަން ވަނޭރީ އެވެ. އެއީ ރަހީމް ސްޓާލިން ތަނަވަސްކޮށްދިން ފުރުޞަތެކެވެ. މިއީ އާސެނަލްގެ ޖަރޒީގައި އޭނާގެ ފުރަތަމަ މެޗެވެ.
ހޮނިހިރު ދުވަހުގެ ނަތީޖާއާއެކު 12 މެޗުން 22 ޕޮއިންޓާއެކު އާސެނަލް އަށް ތާވަލްގެ ގަދަ ފަހަކުން ޖާގަލިބޭއިރު އެއްވަނައިގައި އޮތް ލިވަޕޫލާ އަރާ ހަމަކުރަން އަދި 6 ޕޮއިންޓް އިތުރަށް އާސެނަލް ބޭނުންވެއެވެ. އާދިއްތަ ދުވަހު ލިވަޕޫލް ނިކުންނާނީ ތާވަލްގެ ފުލުގައި އޮތް ސައުތަމްޕްޓަންއާ ދެކޮޅަށެވެ. 19 ޕޮއިންޓާއެކު ނޮޓިންހަމް ފޮރެސްޓް އޮތީ ތާވަލްގެ ހަތް ވަނައިގައެވެ.
ލެސްޓަރ ސިޓީ އަތުން 2-1 ން ޗެލްސީ މޮޅުވެ ވަނީ ތާވަލް ތިންވަނަ އަށް ޖެހިލާފައެވެ. މެޗުގެ 15 ވަނަ މިނިޓްގައި ޗެލްސީއަށް ލީޑު ނަގައިދިނި ނިކޮލަސް ޖެކްސަން އެވެ. އެންޒޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ނުރައްކާތެރި އެޓޭކެއްގައި ފުރަތަމަ ގޯލް ކާމިޔާބުކުރުމަށްފަހު މެޗުގެ ފަހު ފަނަރަ މިނިޓާ ހަމައަށް ނަތީޖާ އޮތީ 1-0 ގައެވެ. މުޅި ގޭމް ކޮންޓްރޯލްކޮށްގެ ކުޅުނު ޗެލްސީން 54 ވަނަ މިނިޓް ގައި ނަތީޖާ ބަދަލުކޮށްލާނެ ރަނގަޅު ފުރުޞަތެއް ލިބުން ނަމަވެސް ގޯލަކަށް ބަދަލުކޮށްލެވޭ ގޮތެއް ނުވިއެވެ.
75 ވަނަ މިނިޓްގައި ޗެލްސީގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ކެޕްޓަން އެންޒޯ ފެނާންޑޭޒް އެވެ. މިއީ އޭނާ ޗެލްސީއަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.
ލެސްޓަރ ސިޓީގެ ހަމައެކަނި ގޯލް ޕެނަލްޓީއަކުން އިތުރު ވަގުތުގެ ފަސްވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޖޯޑަން އަޔޭވް އެވެ. މި ނަތީޖާ އާއެކު ލެސްޓަރ ސިޓީ އޮތީ ތާވަލްގެ 10 ވަނައިގައި 16 ޕޮއިންޓާއެކުއެވެ.
ލީގުގައި ހޮނިހިރު ދުވަހު ކުޅުނި އިތުރު މެޗުތަަކަށް ބަލާއިރު ފުލަމްގެ މައްޗަށް ވުލްވްސް ކުރިހޯދީ 4-1 ންނެވެ. ބާންމައުތް އަތުން 2-1 ން ބްރައިޓަން މޮޅުވިއިރު, އެސްޓަން ވިލާ އާއި ކްރިސްޓަލް ޕެލަސް ކުޅުނު މެޗު 2-2 ން ވަނީ އެއްވަރު ވެފައެވެ.
ރިއެކްޝަންސް