
ޓްރަމްޕްގެ 'ޣައްޒާ ހުސްކުރުމުގެ ޕްލޭންގެ' ދަށުން އިޒްރާއިލްއިން އިއްޔެވެސް ޣައްޒާގެ 60 މީހުން ޝަހީދުކޮށްލި
ނަޔަންޔާހޫ މިވަގުތު ހުރީ ޕްލޭން ތަންފީޒުކުރުމަށް އިތުރު މަޝްވަރާއަށް އެމެރިކާގައި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ 'ޣައްޒާ ގެ ނަޞްލު ނައްތާލުމުގެ ޕްލޭން' އިޒްރާއިލްއިން ފުރިހަމައަށް ތަންފީޒުކުރާނެ ކަމަށްބުނެފައި ވަނިކޮށް އިއްޔެ އެކަނިވެސް ޣައްޒާގެ އެކި ސަރަޙައްދުތަކުން 60 މީހުން ވަނީ ޝަހީދުކޮށްލަފައެވެ. އަލުން ހަމަލާތައް ފެށިފަހުން މިހާތަނަށް 400,000 އެއްހާ މީހުން ވަނީ އަލުން ވިއްސިވިލާލިވެފައެވެ.
ޖެނުއަރީ މަހު ވެރިކަމާ ހަވާލުވެ ޓްރަމްޕް ވަނީ ޣައްޒާ އޭނާގެ ތަނަކަށް ހަދާނެކަމަށް ވައުދުވެފައެވެ. އަދި އިޒްރާއިލްއިން އެކަމަށް ފުރިހަމައަށް ތާއީދުކުރާނެކަމަށްވެސ ވަނީ ބުނެފައެވެ. ޖެނުއަރީ 19ގައި ވެފައިވާ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުން އިޒްރާއިލްއިން އުވާލާ މީގެ ތިން ހަފުތާ ކުރިންފެށިގެން ވަނީ އަލުން ޣައްޒާއަށް ހަމަލާދޭން ފަށާފައެވެ. ހަމަލާތައް އަލުން ފެށިފަހުން މިހާތަނަށް 1500 އެއްހާ މީހުންވަނީ ޝަހީދުކޮށްލާފައެވެ. 300 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްފައިވާއިރު ހާހަކަށްވުރެ ގިނަ ކުޑަކުދިންވަނީ ޒަހަމްވެފައެވެ.
ހަމަ މިވަގުތު, އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުރީ އެމެރިކާގައެވެ. ދަތުރުގައި ނަތަންޔާހޫ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ބައްދަލުކޮށް ފްލޭން ކުރިއަށް ގެންދިއުމަށް އިތުރަށް މަޝްވަރާކޮށްފައެވެ. އޭގެ ތެރޭގައި ގަދަކަމުން ޣައްޒާގެ ރައްޔިތުން ޣައްޒާއިންބޭރުކުރަން މީހާރަށްވުރެ ބޮޑަށް ބާރުގެ ބޭނުންކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށް މަސްދަރުތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާ ތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
ހަމަލާތަކަށް 18 މަސްވެފައިވާއިރު މިހާތަނަށް 50,695 މީހުން ޣައްޒާއިން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ސަރުކާރު މީޑިއާގެ ހިސާބުތައް ދައްކާގޮތުން އެ އަދަދު 61,700 އަށްވުރެ މަތިވާނެކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. ހަމަލާތަކުގައި ޣައްޒާގެ އާބާދީގެ 2.3 މިލިއަން މީހުން އެއްކޮށް ވިއްސިވިހާލި ވެފައިވާއިރު ޣައްޒާގެ ގިނަ ރައްޔިތުން ދިރިއުޅެނީ ޓެންޓް ތަކާއި ވަގުތީ ހިޔާތަކުގައެވެ.
ރިއެކްޝަންސް






