
އައްޑޫ ލިންކު ރޯޑު ތަރައްޤީ ކުރުމުގެ މަސައްކަތް 2028 ގައި ނިންމާގޮތަށް އާރުޑީސީ އާއި ހަވާލުކޮށްފި
އައްޑޫގެ ލިންކް ރޯޑުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ފެން ހިންދާ ނިޒާމު މަރާމާތުކޮށް ތަރައްގީކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ ތެރޭގައި ނިންމާގޮތަށް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއްގައި މަސައްކަތްކުރެވޭނެ ކަމަށެވެ. އަދި 67.58 ކިލޯމީޓަރުގެ ސީ.ޓީ.ބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތާއި، އަދި މުޅިން އަލަށް 5.5 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން މި މަޝްރޫޢުގެ ދަށުން މަގުތަކުގައި ތާރު އަޅައި، ޒަމާނީ ފެން ހިންދާ ނިޒާމެއް ޤާއިމުކުރެވޭނެ ކަމަށާއި، އައްޑޫ ފޭދޫގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް އެ މަގުތަކުގައި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭކަމަށް ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.
މި މަސައްކަތް އާރު.ޑީ.ސީއާ ހަވާލުކޮށްފައިވަނީ 829 މިލިޔަން ރުފިޔާއަށް، 3 އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި ނިންމުމަށްކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި އެއްބަސްވުމުގައި އިމާރާތްކުރުމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރެވެ.
ރިއެކްޝަންސް






