ހަޤީޤީ އީޖާދެއްގެ ފެށުން އަންނަނީ ކަންކަން ހޯދައި ދެނެގަތުމަށް އޮންނަ ޝައުގުވެރިކަމާއި ޢިލްމު ގުޅިލާމެހޭ ހިސާބުން: މެޑަމް ސާޖިދާ
ހަޤީޤީ އީޖާދެއްގެ ފެށުން އަންނަނީ ކަންކަން ހޯދައި ދެނެގަތުމަށް އޮންނަ ޝައުގުވެރިކަމާއި ޢިލްމު ގުޅިލާމެހޭ ހިސާބުންކަމަށާއި، އީޖާދެއްގެ މާނަ ފުރިހަމަވަނީ، އޭގައި މީހުންނަށް މަންފާއެއް ލިބޭކަމެއް އެކުލެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގައި މިއަދު ފެށި، ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2026، ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
އާޓިފިޝަލް އިންޓެލިޖެންސް ފަދަ ވަސީލަތްތަކުގެ ސަބަބުން، ކުރިން އުންމީދު ކުރެވިފައި ނުވާ ފަދަ އެތައް ފުރުޞަތުތަކެއް ހުޅުވިގެންދިޔަ ނަމަވެސް، އެއްޗެއް ނުވަތަ ކަމެއް އީޖާދުކުރުމަކީ ނިމުމެއްކަމަށް ދެކިގެން ނުވާނެކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ. ޓެކްނޮލޮޖީ މިންކުރުމުގައި ބަލަންވީ އެއީ އުފެއްދިދާނެ އެއްޗެއްތޯ ނުވަތަ ކުރެވިދާނެ ކަމެއްތޯއެއް ނޫން ކަމަށާ، ބަލަންވީ، އޭގެ މަންފާ ކުރާނީ ކޮން ބަޔަކަށްތޯކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ޓެކްނޮލޮޖީގެ ސަބަބުން ހަޤީޤީ ބަދަލެއް އަންނަނީ، ޝަޢުޤެއް އެކަމުގައި އޮވެމެ، ތަޢުލީމީ ނިޒާމަށާއި، ޞިއްޙީ ދާއިރާއަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް އެކަން އަމާޒުކުރެވުމުންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.
މިފަދަ އީޖާދުތައް ކުރިއަރައި ދިއުމަށްޓަކައި، އެއީ އެންމެން ޝާމިލުވާ ކަމަކަށް ވާންޖެހޭނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ސައިންސާއި ޓެކްނޮލޮޖީގެ މައިދާނުގައި އަންހެނުންނާއި އަންހެން ކުދިން އެމީހުންގެ ޖާގަ ހޯދުމަށް އިލްތިމާސްކުރައްވަމުން، އީޖާދުކުރުމަކަށް ވަކި ޖިންސެއް ނުވާކަމަށާއި، މުސްތަޤުބަލު ބައްޓަންކުރުމުގައި އެބައެއްގެ ދައުރު އަދާކުރުމަށް އެއްވެސް ފަރާތެއްގެ ހުއްދައަކަށްވެސް ބޭނުންނުވާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ޒުވާނުންނަކީ މާދަމާގެ ބިނާވެށި ކުރަހާ މީހުންގެ ގޮތުގައި ސިފަކުރައްވަމުން އެކަމަނާ ވިދާޅުވީ، ތަޢުލީމީ ނިޒާމުގެ ތެރެއިން އުފެއްދުންތެރިކަން ކުރިއަރުވައި، ނާގިދު ފިކުރާއި، ކަންކަމާ މެދު ފުންކޮށް ވިސްނުމުގެ ހުނަރު އާލާކުރަން ޖެހޭކަމަށެވެ. އަދި ހަމައެކަނި ޓެކްނޮލޮޖީ ބޭނުންކުރާ ބަޔަކަށް ވުމުގެ ބަދަލުގައި، އެ އުފައްދާ ބަޔަކަށް ވުމަށް ދަރިވަރުންނަށް އެކަމަނާ ހިތްވަރުދެއްވިއެވެ. ހަމަމިއާއެކު، ކަންކަމާ މެދު ހިތުގައި ޝައުޤުވެރިކަން އުފެއްދުމަށް ހިތްވަރުދިނުމަށާއި، އައު ކަންކަން ތަޖުރިބާކުރުމަށް އޮންނަ ޔަޤީންކަން ކަށަވަރުކޮށްދިނުމާއި، ނާކާމިޔާބީން ފިލާވަޅު ލިބިގަތުމަށް މުއައްސަސާތަކަށް ގޮވާލެއްވިއެވެ.
ދިރާސާކުރާ ފަރާތްތަކުން އެމީހުންގެ މަސައްކަތްތަކާއި ހޯދުންތައް ހަމައެކަނި ޔުނިވަރސިޓީ ތެރެއަށް ދޫކޮށްލުމުގެ ބަދަލުގައި، ޙަޤީޤީ ދުނިޔޭގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް، އެކަންކަން ނެރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބާރުއެޅުއްވިއެވެ. އަދި ދިރާސާއެއް އެންމެ ރަނގަޅަށް ވަޒަންކުރެވޭނީ އެކަމެއްގެ ސަބަބުން ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތަކުންކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އައު ޚިޔާލުތައް މުޖުތަމަޢުތަކާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި، އިލްމީ މުއައްސަސާތަކާއި، ސިޔާސަތު އެކަށައަޅާ ފަރާތްތަކާއި، ސިނާޢަތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށްވެސް އެކަމަނާގެ ވާހަކަފުޅުގައި ގޮވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅު ނިންމަވާލައްވަމުން، ތެވެލި ކޮންފަރެންސްގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ގުޅުންތަކެއް އުފެދި، މުޅި ޤައުމުގައި އަމިއްލަ އުފެއްދުންތެރިކަމާއި އީޖާދުތަކަށް ހިތްވަރު ލިބިގެންދާނެކަމަށް އެކަމަނާއަށް އޮތް ޔަޤީންކަން ހާމަކުރެއްވިއެވެ.
މީގެ އިތުރުން، މިއަދުގެ ރަސްމިއްޔާތުގައި އެކަމަނާ ވަނީ، ތެވެލި 2026 އެވޯޑުތައް ހާސިލުކުރި ފަރާތްތަކާ އެވޯޑު ހަވާލުކޮށްދެއްވާފައެވެ.
"ޓްރާންސްފޮރމޭޓިވް އިނޮވޭޝަން އިން ދަ ޓްވެންޓީ ފަސްޓް ސެންޗަރީ: ސައެންސް، ޓެކްނޯލޮޖީ އެންޑް ސޮސައިޓީ" ނުވަތަ 21 ވަނަ ޤަރުނުގައި ބަދަލުވަމުންދާ އީޖާދުތައް: ސައިންސާއި، ޓެކްނޮލޮޖީ އަދި މުޖުތަމަޢު، މި ޝިއާރުގެ ދަށުން އެމް.އެން.ޔޫ އިން އިންތިޒާމުކޮށްގެން ބާއްވާ 9 ވަނަ ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި، އެމް.އެން.ޔޫގެ ޗާންސެލަރާއި ވައިސް-ޗާންސެލަރާއި، ބޭރުގެ ޢިއްޒަތްތެރިންނާއި، އިލްމީ ދާއިރާގެ ބޭފުޅުންނާއި، ދިރާސާކުރައްވާ ފަރާތްތަކުގެ އިތުރުން ދަރިވަރުން ބައިވެރިވެވަޑައިގަތެވެ.
ރިއެކްޝަންސް





