ރަތްކަނޑުގެ ސަލާމަތް ބެލެހެއްޓުމަށް ސައޫދީން އުފެއްދި އިއްތިހާދުގައި ރާއްޖެ ބައިވެރިވުމަށް މަޖިލީހުން ރުހުން ދީފި

ރަތްކަނޑުގެ ސަލާމަތް ބެލެހެއްޓުމަށް ސައޫދީން އުފެއްދި އިއްތިހާދުގައި ރާއްޖެ ބައިވެރިވުމަށް މަޖިލީހުން ރުހުން ދީފި

6 hours ago - 22:17
Advertisement
Advertisement

ރަތްކަނޑާއި، ބާބުލް މަންދަބް އަދި އަދަން ކަނޑުއޮޅީގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި ސައޫދީ އަރަބިއްޔާއިން އިސްވެ އުފައްދާފައިވާ ދިފާއީ އިއްތިހާދުގައި ރާއްޖޭން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.


މި އިއްތިހާދުގައި ދިވެހިރާއްޖެއިން ބައިވެރިވެ، ސޮއިކޮށް އަދި އެ މުއާހަދާ ތަޞްދީޤުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވީ މި ހިނގާ މަހުގެ 11 ވަނަ ދުވަހުއެވެ. މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލައަށް ވޯޓަށް އެހުމުން، އިއްތިހާދުގައި ރާއްޖެއިން ބައިވެރިވާން ފެންނަކަމަށް 58 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.


ބާބުލް މަންދަބް ކަނޑުއޮޅިއާއި ރަތްކަނޑާއި އަދި އަދަން ކަނޑުއޮޅީގެ ދަތުރުފަތުރުގެ މިނިވަންކަމާއި، ތެލާއި ގޭސް އުފުލާ މައި މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ މަގުސަދުގައި ސައޫދީ އަރަބިއްޔާއިން އިސްނަގައިގެން އުފެއްދި މި އިއްތިހާދު ރަސްމީކޮށް އިއުލާނު ކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ.


މި އިއްތިހާދުގައި މިހާތަނަށް 13 ގައުމަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ސަޢޫދީ އަރަބިއްޔާ، ބަހްރޭން، ބަންގްލަދޭޝް، ކޮމޮރޯސް، ޖިބޫތީ، މިސްރު، އުރުދުން، ކުވެއިތު، ޕާކިސްތާން، ގަތަރު، ސޯމާލިއާ، ސޫދާން، ތުރުކީވިލާތް އަދި ޔަމަން ހިމެނެއެވެ. މި އިއްތިހާދު އިސްވެ އުފެއްދި ސަޢޫދީ އަރަބިއްޔާއަކީ ކޯލިޝަންގެ އެންމެ އިސް ދައުރެއް އަދާކުރާ ގައުމުގެ އިތުރުން، އިއްތިހާދުގެ ދާއިމީ ހެޑްކުއާޓަރު ވެސް ގާއިމުކޮށްފައިވަނީ އެ ގައުމުގައެވެ.


މި އިއްތިހާދުގެ މައިގަނޑު ބޭނުމަކީ ބައިނަލްއަގުވާމީ ވިޔަފާރި މަގުތަކާއި ހަކަތަ ފޯރުކޮށްދޭ މައި މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. އަދި ހާއްސަކޮށް އިންޑިއާ ކަނޑާއި މެޑިޓެރޭނިއަން ކަނޑު ގުޅުވައިދޭ ކަނޑުގެ މުހިންމު ސަރަހައްދުތައް ހިމާޔަތްކުރުމަކީ ވެސް މި އިއްތިހާދުގެ މުހިންމު މަގުސަދެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement