އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ސަޢޫދީ ސަފީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއާ މެދު ބަހައްޓަވާ ގާތް ގުޅުމަށާއި، ވަކިން ޚާއްޞަކޮށް އިސްލާމީ ދާއިރާއިން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި އެ ޤައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒަށާއި، ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރެއްވުމަށް ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، ވަޒީރު ވަނީ ސަފީރަށް ވެސް ޝުކުރު އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް އެކުވެރި ގުޅުން އިތުރަށް ބަދަހިވަމުން އަންނައިރު، ދިވެހި ޙައްޖުވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސަޢޫދީ ސަރުކާރުން ފަހަކަށް އައިސް ގިނަ އިންތިޒާމުތަކެއް ހަމަޖައްސަވައިދެއްވާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
ރިއެކްޝަންސް





