މިއަހަރު އިތުރު 80 ޑައިވަރުން ތަމްރީނު ކުރެވޭނެ- ވަޒީރު ޝިޔާމް
މިހާަނަށް 56 ޑައިވަރުން ތަމްރީނުކޮށްފި
މި އަހަރު 80 ޑައިވަރުން ތަމްރީނު ކުރެވޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޑައިވަރުން ތަމްރީނު ކުރަނީ މަސްވެރިކަން ކުރާ ކޮންމެ ދޯންޏަކުން މަދުވެގެން އެއް ފަޅުވެރިޔަކު "ރެސްކިއު ޑައިވަރ" ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ހެދުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމްގެ ދަށުންނެވެ
ވަޒީރު ޝިޔާމް މިފަދައިން ވިދާޅުވީ އޯޝަން ސިކްސް ފިފްޓީގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެކްރޮސް މޯލްޑިވްސް ޑައިވް "ސިންގަލް އޯޕަން ވޯޓަރ ޑައިވް" ހަރަކާތުގެ ފުރަތަމަ ފިޔަވަހި އިފްތިތާހުކުރުމަށް ހުޅުމާލޭ ދެ ވަނަ ފިޔަވައްސާ ދިމާލުން ބީޗުގައި ބޭއްވި ހަރަކާގައި ވާހަކަދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ، މަސްވެރިކަން ކުރާ ހުރިހާ އުޅަނދުތަކެއްގައި މަދުވެގެން އެއް ރެސްކިއު ޑައިވަރަކު ތަމްރީނުކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން މިހާތަނަށް 56 ޑައިވަރުން ތަމްރީނު ކޮށްފައިވާ ކަމަށެވެ.
އެ ޕްރޮގްރާމްގެ ދަށުން މި އަހަރު 80 ޑައިވަރުން ތަމްރީނުކުރެވި އަންނަ އަހަރުގެ ތެރޭގައި އެ މަޝްރޫއު އެއްކޮށް ނިންމާލުމަށް އުންމީދުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މަސްވެރި ކޮންމެ އުޅަނދެއްގައި ތަމްރީން ލިބިފައިވާ ރެސްކިއު ޑައިވަރަކު ބެހެއްޓުމުގެ ބޭނުމަކީ ފުޅިއަޅައިގެން ފީނާ ފަރާތްތަކަށް އަޑިއަށް ފީނުމުގެ ސަބަބުން ދިމާވާ އެކިއެކި ކަންކަމަށާއި އެ ފަރާތްތަކުގެ ފުރާނަ ސަލާމްމަތް ކުރުމެވެ.
ޕްރޮގްރާމުގެ ތެރެއިން އޯޕަން ވޯޓަރ ޑައިވިން، އެޑްވާންސް ލެވެލް އަދި ފަސްޓް އެއިޑްގެ ކަންކަން ކިޔަވައިދީ، ތަމްރީންކުރާނެއެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ޑައިވްކުރުމުގެ ތެރޭގައާއި އެ ނޫންވެސް ކަނޑުމަތީގައި ހިނގާފާނެ ހާދިސާއެއްގައި ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރުތައް ވެސް ދަސްކޮށްދިނުމަށް ހަމަޖެހިފައި ވެއެވެ.
ރިއެކްޝަންސް