އެސްޕަންޔޯލްގެ އަތްދަށުވެ ރެއާލްގެ ލީޑު ޕޮއިންޓަކަށް ހަނިވެއްޖެ
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އެސްޕަންޔޯލް ބައްދަލުކުރިމެޗު 1-0 ން އެސްޕަންޔޯލް ކާމިޔާބު ކުރުމާއެކު ތާވަލްގައި ރެއާލްގެ ލީޑު ޕޮއިންޓަކަށް ހަނިވެއްޖެއެވެ.
އެސްޕަންޔޯލްގެ ހަމައެކަނި ގޯލް މެޗު ނިމެންދަނިކޮށް ކާމިޔާބުކުރީ ކާލޮސް ރޮމޭރޯއެވެ. 85 ވަނަ މިނިޓްގައި އޭނާއަށް ގޯލްކާމިޔާބު ކުރުމުގައި އެހީތެރިވީ ޑިފެންޑަރު އޮމްރް އެލް-ހިލާލީއެވެ.
މެޗުގެ 21 ވަނަ މިނިޓްގައި ރެއާލްގެ ބްރެޒިލްގެ ފޯވާޑް ވިނީޝިއުސް ޖޭއާރު ގޯލެއް ކާމިޔާބު ކުރިއެވެ. ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ން ވަނީ ގޯލް ބަލައިނުގެންފައެވެ.
މެޗުން ބަލިވުމާއެކު އެއްވަނައިގައި ލީޑު ފުޅާކުރަން ރެއާލަށް ލިބުނު ފުރުޞަތު ވަނީ ގެއްލިފައެވެ. އެއްވަނައިގައި ރެއާލް އޮތީ 22 މެޗުން 49 ޕޮއިންޓާއެކުއެވެ. ދެވަނަގައި އޮތް އެތްލެޓިކޯ މެޑްރިޑް ހަމަ އެ އަދަދަށް މެޗު ކުޅެގެން ވަނީ 48 ޕޮއިންޓް ހޯދާފައެވެ. އެތްލެޓިކޯއިން އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހު ވަނީ 2-0 ން މަޔާކޯގެ މައްޗަށް ކުރިހޯދާފައެވެ.
ތިންވަނައިގައި 42 ޕޮއިންޓާއެކު އޮތް ބާސެލޯނާ މިރޭ ޑިޕޯޓިވޯ އަލްވެސް އާ ދެކޮޅަށެވެ.
ރިއެކްޝަންސް