މި އަހަރުގެ މިހާތަނަށް ހިމަބިހީގެ 226 ކޭސް ރިޕޯޓުކޮށްފައިވޭ
މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި (މީސްލްސް) ގެ 226 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި، ވޭތުވެދިޔަ ހަފްތާގައި އެކަނިވެސް މާލެ ސަރަހައްދުން މި ބަލީގެ 10 ކޭސް ވަނީ ފެނިފައެވެ. މިއާއެކު މި އަހަރުގެ މިހާތަނަށް ރިޕޯޓުކުރެވުނު ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ 226 އަށް އަރާފައެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭއިން ވަނީ، ހުންއައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށާއި، ފަރުވާ ހޯދަން ދާއިރު މާސްކު އެޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް ވަނީ އަންގާފައެވެ.
ހިމަބިއްސަކީ "މީސްލްސް ވައިރަސް" (ޕެރަމިކްސޯ ވައިރަސްގެ ތެރޭގައި ހިމެނޭ މޯބިލިވައިރަސް) ގެ ސަބަބުން ޖެހޭ، ގައިންގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މިއީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ޖެހިދާނެ ބައްޔެއް ނަމަވެސް، ގިނައިން މި ބަލި ޖެހެނީ ކުޑަކުދިންނަށެވެ. ބަލިޖެހިފައިވާ މީހާ ކެއްސައި، ކިނބިހި އެޅުމުގެ ތެރޭގައި ވައިގެ ތެރެއަށް ބޭރުވާ ވައިރަސްގެ ޒަރިއްޔާއިން ނޭވާލުމުގެ ނިޒާމުގެ ތެރެއިން އެހެން މީހުންނަށް ބަލި ފެތުރެއެވެ.
މި ބަލި އެހެން މީހުންގެ ގަޔަށް ފެތުރެނީ ބިހިތައް ނެގުމުގެ 4 ނުވަތަ 5 ދުވަސް ކުރިން ފެށިގެން، ބިހިތައް ފެނުމަށްފަހު 4 ނުވަތަ 5 ދުވަސް ހަމަވަންދެންނެވެ. އަދި ބަލިޖެހިފައިވާ މީހަކާއެކު އުޅޭ މީހުންގެ ތެރެއިން 90 އިންސައްތަ މީހުންނަށް މި ބަލި ޖެހުމުގެ ފުރުސަތު އޮންނަކަމަށް ސިއްހީ މާހިރުން ފާހަގަކުރެއެވެ.
ހިމަބިހިން ރައްކާތެރިވުމަށްޓަކައި ކުއްޖާގެ އުމުރުން 9 މަހުގައި އެމްއާރު ވެކްސިން ދެމުން އަންނައިރު، ރާއްޖޭގެ ޤައުމީ ވެކްސިން ޕްރޮގްރާމްގެ ދަށުން ހިމަބިއްސާއި ރުބެއްލާއިން ރައްކާތެރިކޮށްދޭ އެމްއާރު އަދި އެމްއެމްއާރު ވެކްސިން އަންނަނީ ގަވާއިދުން ޖަހައިދެމުންނެވެ.
ރިއެކްޝަންސް





