ކޯޓު އަމުރާއި ޚިލާފަށް ޚަބަރު ފެތުރިކަމުގެ ތުހުމަތުގައި ލީވާން ކޯޓަށް ހާޒިރުވުމަށް އަންގައިފި
ކޯޓު އަމުރަކާ ޚިލާފަށް ޚަބަރު ފެތުރިކަމުގެ ތުހުމަތުގައި "އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އަންގައިފިއެވެ.
ލީވާނަށް ފޮނުވި އަމުރުގައި ބަޔާންކޮށްފައިވަނީ، ކޯޓު އަމުރާ ޚިލާފަށް ޚަބަރު ޝާއިޢުކުރި މައްސަލަ، ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ބެލުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، އޭނާ ލިޔެފައިވާ ޚަބަރަކީ ކޯޓު އަމުރާ ޚިލާފު ލިޔުމެއްތޯ ކަނޑައެޅުމަށްޓަކައި، މާދަމާ ހެނދުނު 11:00 އަށް ކޯޓަށް ހާޒިރުވުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން މީގެ ކުރިން ނެރުނު އަމުރުގައި، "އަދަދު" ނޫހުން ތައްޔާރުކުރި ވީޑިއޯ ޑޮކިއުމެންޓްރީ އާންމުންގެ ތެރޭގައި ދައުރުކުރުމާއި، އޭގައި ހިމެނޭ އެއްވެސް ވާހަކައެއް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް ދެއްކުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން، އެ މައްސަލައިގެ ހަސްމަކާ ނުވަތަ އަނިޔާ ލިބުނު ފަރާތާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުމާއި، ޝަރީއަތާ ގުޅުންހުރި ލިޔެކިޔުންތަކާއި މައުލޫމާތު ފެތުރުން ވެސް އެ އަމުރުގެ ދަށުން ވަނީ މަނާކޮށްފައެވެ.
ކޯޓުގެ އެ އެންގުންތަކާ ޚިލާފުވާ ކޮންމެ އަމަލަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް ވެސް އެ އަމުރުގައި ބަޔާންކޮށްފައިވެއެވެ. މި އަމުރު ނެރެފައިވަނީ "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ގަޒުފުކުރުމުގެ ދައުވާ އުފުލައި، އެ މައްސަލަ ކޯޓުގައި ހިނގަމުންދާތީއެވެ.
ރިއެކްޝަންސް

