އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްއަށް ބަދަލުކުރުމަށް ޤާނޫނަށް އިސްލާހެއް ހުށަހަޅައިފި

އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްއަށް ބަދަލުކުރުމަށް ޤާނޫނަށް އިސްލާހެއް ހުށަހަޅައިފި

1 hour ago - 10:09

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން، އެ އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.


ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް މި އިސްލާހު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު ޢަބްދުﷲއެވެ. މި ބިލު ހުށަހެޅުއްވި މައިގަނޑު ސަބަބެއްގެ ގޮތުގައި ސަރުކާރުން ބަޔާންކޮށްފައިވަނީ އެލްޖީއޭގެ އިދާރީ އޮނިގަނޑު ހަރުދަނާކޮށް، މުވައްޒަފުންނާ ގުޅޭ ކަންކަން ސިވިލް ސަރވިސްގެ ނިޒާމުގެ ތެރެއަށް ގެނައުމެވެ.


މިހާރު އަމަލުކުރަމުންދާ ޤާނޫނު އޮތްގޮތުން، އެލްޖީއޭގެ މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު އޮންނަނީ އެ އޮތޯރިޓީގެ ބޯޑަށެވެ. ނަމަވެސް، ސަރުކާރުން ހުށަހެޅި އިސްލާހުގައި ވަނީ އެލްޖީއޭގެ ބޯޑަށް އޮތް އެ ބާރު އުނިކުރުމަށް ހުށަހަޅާފައެވެ. އޭގެ ބަދަލުގައި، އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ ލަފާގެ މަތިން މުވައްޒަފުން އައްޔަންކޮށް، ވަކިކުރާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަމަށް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.


މި އިސްލާހުގެ ދަށުން އެލްޖީއޭގެ މުވައްޒަފުންނާ ގުޅޭ ކަންކަމުގައި ޒިންމާދާރު އިސްވެރިޔަކީ ސީއީއޯ ކަމުގައި ކަނޑައެޅިގެންދާނެއެވެ. އަދި އޮތޯރިޓީގެ މަޤާމުތަކުގެ މުސާރައާއި އިނާޔަތްތައް ދެން ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުންނެވެ.


މީގެ އިތުރުން، މި އިސްލާހުގައި ރަށްރަށާއި ސިޓީތަކުގެ ކައުންސިލްތަކުން ދޭންޖެހޭ އާންމު ޚިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ހިމެނުމަށްވެސް ވަނީ ހުށަހަޅާފައެވެ. މިއީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާތައް އިތުރަށް ސާފުކޮށް، ދެވޭ ޚިދުމަތްތައް ފުޅާކުރުމަށް ގެނެވޭ ބަދަލެއް ކަމަށް ސަރުކާރުން ބުނެއެވެ.


އެލްޖީއޭއަކީ ރާއްޖޭގެ ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކޮށް، ކައުންސިލްތައް ޖަވާބުދާރީ ކުރުވުމުގެ މުހިންމު ޒިންމާ މަތިކޮށްފައިވާ ދައުލަތުގެ އިދާރާއެވެ. މި އިސްލާހު ފާސްވެ އަމަލުކުރަން ފެށުމުން، އެލްޖީއޭގެ އިދާރީ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow