އައްޑޫ ކަރަންޓުގެ މައްސަލައަކީ މީހާތަނަށް ހައްލު ލިބިފައި ނެތްކަމެއް، ނިކުމެ މިހުރީ އެކަމަށް ދާއިމި ހައްލެއް ހޯދައި ދިނުމަށް: މުޝްރިފް
އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަކީ އައްޑޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަން ފާހަގަކުރައްވައި، މިހާރުގެ ކައުންސިލުން އެކަން ހައްލުކުރުމުގައި ނާކާމިޔާބުވެފައިވާތީ އެކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ނުކުމެވަޑައިގެން ހުންނެވި ކަމަށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މުޝްރިފް އަލީ ވިދާޅުވެއްޖެއެވެ.
މުޝްރިފް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގައި އޭނާ ވާދަކުރައްވަނީ ކަރަންޓުގެ ހިދުމަތް ފަދަ އަސާސީ އަދި މުހިންމު ކަންކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ އަޒުމުގައި ކަމަށެވެ. އަދި އެފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިނުދީ، އިތުރު އެއްވެސް އިންތިހާބެއްގައި ރައްޔިތުންގެ ގާތަށް ވޯޓު ހޯދުމަށް ވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވިއެވެ.
މުޝްރިފް މިހެން ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލްގެ ބާރުތައް މިހާރުވެސް އިދިކޮޅު އެމްޑީޕީގެ އަތުގައި އޮތް ނަމަވެސް، ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގައި ކައުންސިލް ފެއިލްވެފައިވާތީ އެކަމަށް ފާޑުވިދާޅުވަމުންނެވެ.
މުޝްރިފް ފާހަގަކުރެއްވި ގޮތުގައި، އައްޑޫ ރައްޔިތުންނަށް ހެޔޮއެދޭ ކަމަށް ބުނެ އެމްޑީޕީން ގިނަ ވައުދުތަކެއް ވީ ނަމަވެސް، ވޭތުވެދިޔަ އަހަރުތަކުގައި ކައުންސިލުން އެދެވޭ މަސައްކަތްތަކެއް ކޮށްފައެއް ނުވާކަމަށެވެ. އައްޑޫ ސިޓީ ކައުންސިލްގައި މިހާރުވެސް އިދިކޮޅު އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮތްކަން ފާހަގަކުރައްވައި، މުޝްރިފް ވަނީ އެމްޑީޕީގެ މޭޔަރާއި ކައުންސިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަލައަކީ ނިމުމެއް ނެތް، އަދި މިހާތަނަށް އެއްވެސް ފުރިހަމަ ހައްލެއް ލިބިފައި ނުވާ ކަމެއް ކަމަށެވެ. މީގެ އިތުރުން، މިހާރުވެސް ދޭތެރެ ދޭތެރެއިން މުޅި އައްޑޫ ސިޓީން ކަރަންޓު ކެނޑެމުންދާތީ ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް މުޝްރިފް އަލިއަޅުވާލެއްވިއެވެ.
"ކަރަންޓަކީ އަސާސީ ހައްގެއް. މި ހައްގު އައްޑޫ ސިޓީގެ ރައްޔިތުންނަށް ހޯދައިދިނުމަކީ މޭޔަރުގެ މައްޗަށް ލާޒިމްކަމެއް. އާރާއި ބާރު އޮވެގެންވެސް މިކަމަށް ދާއިމީ ހައްލެއް ނުހޯދުނީ ކީއްވެގެންތޯ މިއަދު އައްޑޫގެ ކޮންމެ ރައްޔިތަކުވެސް ސުވާލުއުފައްދަން ޖެހޭ،" މުޝްރިފް ވިދާޅުވިއެވެ.
އައްޑޫގެ ކަރަންޓުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުޝްރިފް ވިދާޅުވީ، ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުން އުފުލަންޖެހޭ ތަކުލީފު އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އައްޑޫ ސިޓީއަށް މިހާރު 13 މެގަވޮޓްގެ ކަރަންޓު ބޭނުންވާއިރު، އިންޖީނުގެއަށް އެވަރަށް ކަރަންޓު އުފެއްދުމުގެ ގާބިލުކަން ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ބޭނުންކުރަމުންދާ އިންޖީނުތަކުގެ ހާލަތު ދަށްވެ، މަސައްކަތްކުރަނީ އެންމެ 30 ނުވަތަ 40 އިންސައްތަ އެފިޝިއަންސީގައި ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، އައްޑޫގެ ކަރަންޓު ކޭބަލްތަކުގެ ހާލަތު ދަށްވުމުގެ ސަބަބުން ވޯލްޓެޖް ހަމަނުވުމާއި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާކަން މުޝްރިފް ފާހަގަކުރެއްވިއެވެ. އަދި މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ކޭބަލްތަކަށް ގެއްލުންވުމާއި، ޓްރާންސްފޯމަރުތައް ބޭނުންނުކުރެވޭ ވަރަށް ބާވެފައިވުމަކީވެސް މިކަމުގެ ސަބަބުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މުޝްރިފް ވިދާޅުވީ، އައްޑޫގެ މިފަދަ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދޭނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު މަސައްކަތްކުރާނެ، ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލެއް އޮވެގެން ކަމަށެވެ. އެހެންކަމުން، މި ބަދަލު ގެނައުމަށްޓަކައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އޭނާ ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަކީ މިހާތަނަށް އެއްވެސް ސަރުކާރަކަށް ދާއިމީ ހައްލެއް ހޯދައިދެވިފައި ނުވާ، ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. މިކަމާއި ގުޅިގެން އޮޑިޓް ރިޕޯޓުތަކުން ހާމަވާގޮތުގައި، އައްޑޫގެ ޕަވަރ ސްޓޭޝަނުން ކޮންމެ 24 ގަޑިއިރަކު 49,000 ލީޓަރުގެ ޑީސަލް ބޭނުންކުރަންޖެހުމަކީ ދައުލަތުގެ ބަޖެޓަށް ބުރަބޮޑުވެ، އިޤްތިޞާދީ ގޮތުން ނުހަނު ބޮޑު ހޭދައެއް ހިނގާ ކަމެކެވެ.
މިފަދަ ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެ، އައްޑޫގެ ތަރައްޤީއަށްޓަކައި މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް މަސައްކަތްކުރާނެ ހަރުދަނާ ކައުންސިލެއް އޮތުމަކީ މިއަދު ނުހަނު ބޭނުންތެރި ކަމެކެވެ. އެހެންކަމުން، އައްޑޫ ސިޓީގެ މުސްތަޤްބަލަށާއި ރައްޔިތުންގެ ލާބައަށްޓަކައި، ސަރުކާރު ހިންގާ ޕީ.އެން.ސީގެ ފަރާތުން ކުރިމަތިލައްވާފައިވާ މޭޔަރު ކެންޑިޑޭޓު މުޝްރިފްގެ އިތުރުން އެ ޕާޓީގެ ހުރިހާ ކެންޑިޑޭޓުންނަށް ވޯޓު ދެއްވައި، އައްޑޫގެ ތަރައްޤީއަށް އާ އުއްމީދަކާއި ބަދަލެއް ގެނައުމަށް އިޚްލާޞްތެރިކަމާއެކު އަތްގުޅާލަމާ ހިނގާށެވެ.
ރިއެކްޝަންސް



