ގައުމީ ފެންވަރުގައި އިހުތިރާމު އަދާކުރުމުގެ 5 އަހަރުގެ ބޮޑު މަޝްރޫއު މާދަމާ ރޭ ފަށަނީ
ދިވެހި މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމު އަދާކުރުމުގެ ރިވެތި އާދަ އަށަގެންނެވުމަށްޓަކައި، ގައުމީ ފެންވަރުގައި ހިންގުމަށް ހަމަޖެހިފައިވާ ހާއްސަ މަޝްރޫއު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު މާދަމާ ރޭ ވަރަށް ކުލަގަދަކޮށް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފަސް އަހަރުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 7:45 ގައި މާފަންނު ޓްރެކް ސަރަހައްދުގައެވެ. މި ހަފުލާގައި ސަރުކާރުގެ އެކި ވުޒާރާތަކާއި މަދަނީ ޖަމިއްޔާތަކުގެ އިސް މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، މިއީ ހަމައެކަނި ދައްކާލާ ވާހަކައެއްގެ ގޮތުގައި ނުބާއްވައި، އަމަލީ ގޮތުން ނުހަނު ސީރިއަސްކަމާއެކު ތަންފީޒު ކުރައްވާނެ މުހިންމު ކަމެއް ކަމަށެވެ. އަދި މި މަޝްރޫއާ ގުޅިގެން މަދަނީ ޖަމިއްޔާތަކާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ކަރުދާހެއްގެ ސިފައިގައި ހުށަހެޅުނު މި މަޝްރޫއުގެ ޕްލޭނާއި، މަސައްކަތްތައް ކުރިއަށްދާނެ ތާވަލު އަދި ބަޖެޓު މިހާރު ވަނީ އެކުލަވާލައި ނިމިފައެވެ. ވަޒީރުންގެ މަޖިލީހުން މި މަޝްރޫއަށް ހުއްދަ ދެއްވާފައިވާތީ، މުޅި ރާއްޖޭގެ އެންމެހައި ރައްޔިތުންގެ އެއްބާރުލުމާ އެކު ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މި ހަރަކާތްތައް ފަށައިގެން ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
މިދިޔަ މަހު އޮތް 'އަހާ' ފޯރަމްގައި މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހީމް އަދި ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ފާހަގަކުރެއްވި ގޮތުގައި، ކުރިއަށް އޮތް އަހަރުގެ ތެރޭގައި މި މަޝްރޫއުގެ މައިގަނޑު ކަންކަން ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް ސަރުކާރުން އަންނަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.
މި މަޝްރޫއު ރާވައި ހިންގުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަނީ ސަރުކާރުގެ 8 ވުޒާރާއަކާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ހިމެނޭހެން ޖުމްލަ 9 އިދާރާއެއްގެ މައްޗަށް އެކުލެވޭ ހާއްސަ ސްޓިއަރިންގ ކޮމިޓީއަކުންނެވެ. އަދި މިއީ މުޅި މުޖުތަމައު އެކުގައި ބައިވެރިވާ ގޮތަށް ފަރުމާކުރެވިފައިވާ މަޝްރޫއެއް ކަމަށާއި، އޭގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން ސްކޫލްތަކާއި، މުދައްރިސުންނާއި، ބެލެނިވެރިން އަދި މުސްތަގިއްލު މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތައް ވެސް ޝާމިލުވާނެއެވެ.
ރިއެކްޝަންސް





