އީ-ސިމް ބަދަލުކޮށްގެން ހިންގާ ސްކޭމްތަކެއް އިތުރުވަނީ
އެއްފަހަރު ބޭނުންކުރެވޭ ސިއްރު ކޯޑު (އޯޓީޕީ) ހޯދައިގެން މޮބައިލް ނަންބަރުތައް އީ-ސިމަށް ބަދަލުކުރުމާއި، ހުއްދަނެތި ޑިޖިޓަލް ވޮލެޓް ހަދައިގެން ފައިސާ ފޭރުމުގެ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ކޯޑުތައް ހިއްސާކުރުމުން ދިމާވާ ނުރައްކާތައް:
- ހުއްދަނެތި އީ-ސިމް ރަޖިސްޓްރީކުރުން: މަކަރުހަދާ ފަރާތްތަކުން އެ މީހުންގެ އަމިއްލަ ފޯނަށް، އަނެކާގެ މޮބައިލް ނަންބަރު އީ-ސިމް މެދުވެރިކޮށް ބަދަލުކުރެ އެވެ. މީގެ ސަބަބުން ފޯނު ލައިން އެ މީހުންގެ ބާރުގެ ދަށަށް ގޮސް، އަންނަ ހުރިހާ ފޯނު ކޯލްތަކާއި ބޭންކިން މެސެޖުތައް އެ މީހުންނަށް ލިބެ އެވެ.
- ޑިޖިޓަލް ވޮލެޓް ހެދުން: އަތުލައިގަންނަ މޮބައިލް ނަންބަރާއި ޒާތީ މައުލޫމާތު ބޭނުންކޮށްގެން، ޝިކާރައަކަށްވާ މީހާގެ ނަމުގައި ހުއްދަނެތި ޑިޖިޓަލް ވޮލެޓްތައް ހަދައިގެން މުއާމަލާތްތައް ހިންގަ އެވެ.
- ހުއްދަނެތި ފައިސާ ބަދަލުކުރުން: ވަގަށް ނަގާ މައުލޫމާތުތައް ބޭނުންކޮށްގެން ބޭންކް އެކައުންޓްތަކަށް ވަދެ، އެކައުންޓުން ފައިސާ ޓްރާންސްފާކޮށް ބޮޑެތި މާލީ ގެއްލުންތައް ދަނީ ދެމުންނެވެ.
ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް:
މިފަދަ ކަންކަމުން ރައްކާތެރިވުމަށް އެއްވެސް މީހަކާ އެއްފަހަރު ބޭނުންކުރާ ސިއްރު ކޯޑު، ޕިން ނަންބަރު ނުވަތަ ލިންކެއް ހިއްސާނުކުރުމަށް ފުލުހުން އިލްތިމާސްކުރެ އެވެ. އެއީ ކުރިން އެ ނަންބަރު ބޭނުންކުރި މީހާ ކަމަށް ބުނި ކަމުގައި ވިޔަސް އަދި ބޭންކަކުން ނުވަތަ މުވާސަލާތީ ކުންފުންޏަކުން ގުޅި ކަމަށް ބުނި ކަމުގައި ވިޔަސް އެފަދަ މައުލޫމާތު ދީގެން ނުވާނެ ކަމަށް ބުންޏެވެ.
މީގެއިތުރުން، އެއްވެސް ސަބަބަކާ ނުލައި ކުއްލިއަކަށް ސިމް ކާޑުން ނެޓްވޯކް ސިގްނަލް ގެއްލިއްޖެނަމަ، އެއީ ހުއްދަނެތި އީ-ސިމަކަށް ބަދަލުކުރުމުގެ ނިޝާނަކަށް ވެދާނެތީ، ލަސްނުކޮށް ވަގުތުން މުވާސަލާތީ ކުންފުންޏަށް ގުޅުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.
ޝައްކުކުރެވޭ ފަދަ ކަމެއް ދިމާވެއްޖެނަމަ، ނުވަތަ އެކައުންޓަކަށް އެހެން ފަރާތަކުން ވަދެފައިވާ ކަމަށް ޝައްކުކުރެވޭނަމަ، ލަސްނުކޮށް ކުއްލި ހާލަތްތަކުގެ ނަންބަރު 911 އަށް ރިޕޯޓުކުރުމަށާއި، ބޭންކް އެކައުންޓްތައް ވަގުތުން ފްރީޒްކުރުމަށް ވެސް ފުލުހުންގެ ހިދުމަތުން ވަނީ އިލްތިމާސްކޮށްފައެވެ.
ރިއެކްޝަންސް