
ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި
ދުވާފަރު ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ ޚާއްސަ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މި އޮޕަރޭޝަންތައް ހިންގާފައިވަނީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ، ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންކަމަށެެވެ.
ފުލުހުން ވިދާޅުވީ މި މަހުގެ 7 ވަނަ ދުވަހު ހިންގި ފުރަތަމަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ވިލާ، ޢަބްދުﷲ ޝާއިފް (25އ) ކަމަށާއި، އަދި ދެވަނަ އޮޕަރޭޝަން، މި މަހުގެ 9 ވަނަ ދުވަހު ހިންގި އިރު، ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ފިނިރޯޅި، އާދަމް އިބްރާހީމް (31އ) އާއި ރ. ދުވާފަރު / މަރިޔާދުގެ، އިބްރާހީމް ސިނާން (37އ) އާއި ރ. ކަނދޮޅުދޫ / ސަކީނާމަންޒިލް، ޢަބްދުﷲ އާދަމް (51އ) ކަމަށެވެ.
މި ހަތަރު މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ކަރުދާސްކޮޅުތަކެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ހައްޔަރުކުރެވުނު ހަތަރު މީހުން ވެސް ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށާއި އަދި މި މައްސަލަތައް ދުވާފަރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ރިއެކްޝަންސް






