ހަސަން ލަތީފް އާއި މުޙައްމަދު ޝިފާޒު އަލުން އެމްޑީޕީއާ ގުޅުމުން, އެޕާޓީން މަރުހަބާ ކިޔައިފި
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމްޑީޕީ)ގެ ކުރީގެ ޗެއަރޕަސަން އަލްއުސްތާޛު ހަސަން ލަތީފާއިމ, އެޕާޓީގެ ކުރީގެ ނައިބުރައީސް މުޙައްމަދު ޝިފާޒު އަލުން އެޕާޓީއާ ގުޅުމުން މަރުހަބާ ކިޔައިފިއެވެ.
އެމްޑީޕީން މިއަދު ސޯޝަލް މީޑިޔާގައި ހިއްސާކުރި ކުރު މެސެޖްގައި ބުނީ “މި ޕާޓީގެ ކުރީގެ ޗެއަރޕާސަން ހަސަން ލަތީފް އާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އަލުން މި ޕާޓީއާ ގުޅިވަޑައިގަތުމުން މަރުހަބާ ދަންނަވަން.” ކަމަށެވެ.
ހަސަން ލަތީފްއާއި ޝިފާޒު ވެސް އެމްޑީޕީއާ ގުޅުނީ އެބޭފުޅުން އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސް އިން ވަކިވުމަށްފަހުއެވެ. ދަ ޑިމޮކްރެޓްސް އިން ވަކިވިއިރު ހަސަން ލަތީފް ހުންނެވީ އެޕާޓީގެ ޗެއަރޕަސަންގެ މަގާމްގައެވެ. ޝިފާޒު ހުންނެވީ ނައިބުރައީސްގެ މަގާމްގައެވެ. ދެބޭފުޅުންވެސް އެމްޑީޕީން ވަކިވީ އުފެދުނު ހިޔާލުތަފާތުވުންތަކާއެކު ދަ ޑިމޮކްރެޓްސް އުފަދައިގެންނެވެ.
ހަސަން ލަތީފާއި ޝިފާޒަކީވެސް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންކަން ކުރެއްވި ދެ ބޭފުޅުންނެވެ. ޝިފާޒުއާއި ހަސަން ލަތީފްގެ އިތުރުން މެދުހެންވެއިރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް ވެސް ވަނީ އެމްޑީޕީއާ އަލުން ގުޅުމުގެ ކަންކަން ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވެފައެވެ. އަދި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމުރުވެސް ވަނީ ދަ ޑިމޮކްރެޓްސް ދޫކުރައްވާ އެމްޑީޕީއާ ގުޅިފައެވެ.
ރިއެކްޝަންސް