އޯލެވެލް އިމްތިހާނާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސް އަވަސްކުރަން ނިންމައިފި
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް ބޭއްވުމަށް ކުރިން ކަނޑައެޅި ތާރީޚު، އޯލެވެލް އިމްތިހާނު ބާއްވާ ދުވަސްވަރާ ދިމާވާތީ، އެއަށްވުރެ އަވަހަށް ކޮންގްރެސް ބޭއްވުމަށް އެ ޕާޓީގެ އާންމު މަޖިލީހުން ފާސްކޮށްފިއެވެ.
މި ބަދަލު ގެނައުމަށް ޕީއެންސީގެ އާންމު މަޖިލީހަށް ހުށަހެޅުއްވީ އެ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ކުރިން ނިންމާފައި އޮތީ އޮކްޓޫބަރު މަހުގެ ތެރޭގައި ކޮންގްރެސް ބޭއްވުމަށެވެ. ނަމަވެސް، އެ ދުވަސްވަރަކީ އޯލެވެލް އިމްތިހާނު ކުރިއަށްދާ ދުވަސްވަރު ކަމަށްވާތީ، ރައްޔިތުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން ރައީސް ވަނީ ކޮންގްރެސް އަވަސްކުރުމަށް އިސްނަންގަވާފައެވެ.
ޕީއެންސީން މައުލޫމާތު ދިން ގޮތުގައި، ރޭ ބޭއްވި އެ ޕާޓީގެ އާންމު ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ރައީސްގެ މި ހުށަހެޅުއްވުން ފާސްކޮށްފައެވެ. ކޮންގްރެސް ބާއްވާނެ އާ ތާރީޚެއް އެ ޕާޓީން ކުރިއަށް އޮތް ތަނުގައި ރަސްމީކޮށް އިޢުލާން ކުރާނެއެވެ.
މި ކޮންގްރެސްއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވިދާޅުވެފައިވަނީ، މިއީ ވަރަށް އިންސާފުވެރި އަދި ދެފުށް ފެންނަ ކޮންގްރެސްއަކަށް ވާނެ ކަމަށެވެ. އަދި މިއީ ޕާޓީގެ ތެރެއިން ސިޔާސީ ގޮތުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ލިބޭނެ މުހިއްމު ފުރުސަތެއް ކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
2023 ވަނަ އަހަރުގެ ނޮވެންބަރު މަހު އެންމެ 3,000 މެންބަރުންނާއެކު މަސައްކަތް ފެށި ޕީއެންސީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 75,000 އަށް އަރާފައެވެ. ރައީސް މުޢިއްޒުގެ އަމާޒަކީ ޕާޓީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ވުރެ އިތުރުކުރުމެވެ. ޕީއެންސީން ބުނީ އެ ޕާޓީއަކީ އަބަދުވެސް ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ޑިމޮކްރަސީގެ ހަމަތަކުގެ މަތިން މަސައްކަތް ކުރާނެ ޕާޓީއެއް ކަމަށެވެ.
ރިއެކްޝަންސް

