ލޮސް އެންޖެލިސް އަލިފާނުގެ މިސްރާބު މައި ހައިވޭއާ ދިމާލަށް, 16 މީހަކު މަރުވެއްޖެ
އަަނދަމުންދާ ސަރަޙައްދު ފެންނަ ސެޓެލައިޓް ފޮޓޯއެއް

ލޮސް އެންޖެލިސް އަލިފާނުގެ މިސްރާބު މައި ހައިވޭއާ ދިމާލަށް, 16 މީހަކު މަރުވެއްޖެ

2 days ago - 13:29
Jan 12, 2025 - 13:36

ފެސިފިކް ޕަލިސޭޑްސްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ ފަސްވަނަ ދުވަސް ގުނަމުންދާއިރު އަލިފާނުގައި މިހާތަނަށް 16 މީހަކު މަރުވަފައިވާ ކަމަށް ވޮޝިންގްޓަން ޕޯސްޓް ބުނެފިއެވެ.

ސެންޓާ އަނާގެ ގަދަ ވަޔާއެކު ދެކުނު ކެލިފޯނިއާގެ ލޮސް އެންޖެލިސްއަށް ފެތުރިފައިވާ އަލިފާންގަނޑު އަނެއްކާވެސް ވަނީ ގަދަވާން ފަށާފައެވެ. ފާއިތުވެދިޔަ ދެދުވަހުގެ ވައިގެން ބާރުމިން ކުޑަކޮށް ދަށްކޮށް ހުރިނަމަވެސް ހަފުތާގެ މެދުތެރޭގައި ވައިގެ ބާރުމިން އަނެއްކާވެސް ގަދަވާނެކަމަށް ބެލެވޭކަމަށް މީޓިއޮރޮލޮޖިސްޓް ރިޗް ތޮމްޕްސަން އާ ހަވާލާދީ އެނޫހުގައި ބުނެފައި ވެއެވެ.

ލޮސް އެންޖެލިސްގައި މިހާރުވެސް ހަތަރު އަލިފާންގަނޑެއް އެކި ހިސާބުތަކުގައި ރޯވެ ދަނީ އަނދަމުންނެވެ. މިހާތަނަށް 38,000 އޭކަރުގެ ބޮޑު ސަރަޙައްދެއް އަނދާފައިވާއިރު އެއީ ސެންފްރެންސިސްކޯއަށް ވުރެ ބޮޑު ސަރަޙައްދެކެވެ. އަލިފާނުގައި މިހާތަނަށް 12,000 އިމާތާރެއްވަނީ އަނދާ އަޅިއަށް ވެފައެވެ.

އަލިފާނުގައި އެންމެ ބޮޑަށް ގެއްލުންވި މަލިބޫ އެއްކޮށް ހަލާކުވެފައިވާއިރު އެތައްހާސް ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ. އަދި ކަރަންޓާއި ފެންފަދަ އަސާސީ ހިދުމަތްތަކުން އެތައްހާސް ބަޔަކުވެސް ވަނީ މަޙްރޫމް ވެފައެވެ.

Advertisement
Advertisement

އަވައްޓެރި ކެނަޑާ އާއި މެކްސިކޯގެ ފަޔަރ ފައިޓަރުން ހިމެނޭހެން 14,000 މީހަކު އަލިފާން ނިއްވުމުގެ މަސައްކަތުގައި ކެނޑިނޭޅި ދަނީ ހަރަކާތްތެރި ވަމުންނެވެ. ބައެއް މީހުން ހުއްޓުމެއްނެތި 48 ގަޑިއިރުވަންދެން އެއްވެސް އަރާމެއްނެތި މަސައްކަތް ކޮށްފައިވާ ކަމަށްވެސް ފަރަޔ ފައިޓަރުންގެ ފަރާތުން ވާހަކަދެއްކި ޖެސީ ގެބްރިއެލް އާ ހަވާލާދީ ވޮޝިންގްޓަން ޕޯސްޓްގައި ރިޕޯޓްކޮށްފައި ވެއެވެ.

"އަލިފާންގަނޑާއެކު ގެޓީ މިއުޒިއަމް އަނދާ ހުލިވެ, އިންޓަރސްޓޭޓް 405 އަށް ފޯރައިފި. އަލިފާނުގެ މިސްރާބު މިހާރު ހުރީ މައި ހައިވޭއަށް. އަލިފާންނިއްވުމުގައި ހަރަކާތްތެރިވާ މީހުންނަށް އެ އަލިފާން މައިތިރި ކުރުމުގައި ވަނީ ނުކުޅެދިފައި. ޕަސަޑޭނާ ކައިރި އޭޓަންގައި ރޯވެފައިހުރި އަލިފާންގަނޑު ވަނީ 15 އިންސައްތަ އިތުރަށް ބޮޑުވެފައި" ކަލް ފަޔާގެ ޖިމް ހުޑްސަން ބުނެފައި ވެއެވެ.

އޭނާ އިތުރަށް ބުނެފައިވަނީ އަލިފާންގަނޑު ފެރުރެމުންދާ ބާރުމިނަށް ބަލާފައި އަލިފާން ކޮންޓްރޯލް ކުރުމާބެހޭގޮތުން ހިތްހަމަޖެހޭނެ ފަދަ އެއްޗެއް ބުނެވެން ނެތްކަމަށެވެ. "އަހަރެމެން މިބަލަނީ ފުރާނަ އާއި މުދާ ސަލާމަތްކޮށް އަލިފާންގަނޑު އެއްކޮށް ނިއްވާލެވޭތޯ" އޭނާ ބުންޏެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow