
އެމްޑީޕީން މަގުމައްޗަށް ނިކުންނަން ނިންމައިފި
އެއްވަނީ އޮކްޓޯބަރު 3 ގައި
ސަރުކާރު ޖަވާބުދާރީ ކުރުވަން މަގުމައްޗަށް ނިކުންނަން އެމްޑީޕީން ނިންމައިފިއެވެ. އެމްޑީޕީން މަގުމަތީ ހަރަކާތް ފަށަން ނިންނީ އަންނަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުއެވެ.
މިނިންމުން ނިންމީ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ކުއްލި ޖަލްސާގައެވެ. އެޖަލްސާއަށް މިގަރާރު ހުށަހެޅުއްވީ މަނަދޫ ދާއިރާގެ ރައީސް މުޙައްމަދު ތާރިގު އެވެ. އެގަރާރަށް ތާއީދު ކުރެއްވީ ހޯރަފުށި ދާއިރާގެ ރައީސް އަހުމަދު ސަލީމް އެވެ. ގަރާރު ފާސްކުރީ ގައުމީ މަޖިލިހުގެ އިއްތިފާގުންނެވެ. އޭގެތެރޭގައި ކުރީގެ ރައީސް މިހާރު ޕާޓީގެ އެޑްވައިޒަރު އިބްރާހީމް މުޙައްމަދު ޞާލިހު އާއި ޕާޓީގެ ރައީސް އަބްދުالله ޝާހިދު އާއި ޕީޖީ ގްރޫޕްވެސް ހިމެނެއެވެ. ގަރާރު ފާސްކުރީ ރިޔާސަތުގައި އިންނެވި ޕާޓީގެ ޗެއަރޕަސަން ގަރާރަށް އިތުރުކުރެއްވި ބަޔަކާވެސް އެކުއެވެ.
ގަރާރުގައި މައިގަނޑު ގޮތެއްގައި އޮތީ އަދި ގައުމީ މަޖިލިހުގެ މެމްބަރުން މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ ރާއްޖެ ބަނގުރޫޓް ވަނީ ކަމަށެވެ. އިގްތޮސާދު ފުނޑިއްޖެ ކަމަށާއި, ލާމަރުކަޒީ ނިޒާމްވެސް ފުނޑާލައިފި ކަމަށެވެ. ޝަރުއީ ނިޒާމްގެ މިނިވަންކަމާ އިތުބާރު ގެއްލުވާލާ, ނޫސްވެރިކަމުގެ މިނިވަންކަން ވެސް ނިގުޅައިގަނެ, ކޮންޓްރޯލް ސަރުކާރަށް ނަގަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަންކަން ފާހަގަކުރުމާއެކު މެމްބަރުން ވިދާޅުވީ މިސަރުކާރުން ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަންނަމުންދާ ކަމަށެވެ.
އޮކްޓޯބަރު ތިންވަނަ ދުވަހު ބޮޑު އެއްވުމެއް ބޭއްވުމަށްފަހު, ސަރުކާރު ޖަވާބުދާރީ ކުރެވެންދެން, އަޑު އަހަންދެން ސިލްސިލާކޮށް ހަރަކާތް ކުރިއަށް ގެންދަން ގަރާރުގައި ގޮވާލާފައި ވެއެވެ. އަދި އޮކްޓޯބަރު 3 ވަނަ ދުވަހުގެ އެއްްވުމުގައި ބައިވެރިވާން މާލެ އާދެވޭ މީހުން މާލެ އައުމަށްވެސް މެމްބަރުން ގޮވާލިއެވެ.
ރިއެކްޝަންސް






