ފަލަސްތީނުގެ ޙައްޤުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުން މަސައްކަތް ކުރަން ޗައިނާގައިވެސް ރައީސް މުއިއްޒު ގޮވާލައްވައިފި
އެސް.ސީ.އޯ ޕްލަސް ބައްދަލުވުމުގައި ރައީސް ވާހަކަދައްކަވަނީ: ފޮޓޯ-ރައީސް އޮފީސް

ފަލަސްތީނުގެ ޙައްޤުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުން މަސައްކަތް ކުރަން ޗައިނާގައިވެސް ރައީސް މުއިއްޒު ގޮވާލައްވައިފި

7 hours ago - 06:13
Sep 2, 2025 - 06:13
Advertisement
Advertisement

ފަލަސްތީނުގެ ޙައްޤުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުން އެކުގައި މަސައްކަތް ކުރަން ޗައިނާގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސްކުރެއްވީ ޗައިނާގެ ޓިއަންޖިންގައި އިއްޔެ ބޭއްވި "އެސް.ސީ.އޯ ޕްލަސް" ބައްދަލުވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރުމުގައި ދިވެހީން ތިބީ ސާބިތުކަން މަތީގައި ކަމަށެވެ. އެކަން ފާހަގަކުރައްވާ އިލްތިމާސްކުރެއްވީ ފަލަސްތީނުގެ ޙައްޤުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުންވެސް އެކުގައި މަސައްކަތްކުރެއްވުމަށެވެ.

މީގެއިތުރުން ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވާހަކަ އަލިއަޅުވާލެއްވީ ޗައިނާ އާއި ދިވެހިރާއްޖޭގެ ޒަމާންވީ ގުޅުމުގެ މައްޗަށެވެ. ރާއްޖޭގެ ވިޝަންއަށް އިޝާރާތްކުރައްވާ ވިދާޅުވީ ދިވެހިރާއްޖެއަކީ ވިލުންތެރި، ޢަޒުމުވަރުގަދަ ޤައުމެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ މޫސުމީ ލަނޑުދަނޑިތަކާއި، މޯލްޑިވްސް 2.0 ޑިޖިޓަލައިޒޭޝަން މަސައްކަތާ ގުޅޭގޮތުން އަލިއަޅުވާލެއްވިއެވެ. ގްލޯބަލް ގަވަރނަންސް އިނީޝިއެޓިވަށް ދިވެހިރާއްޖެއިން ތާއީދުކުރައްވާކަން ހާމަކުރައްވައި، ބައިނަލްއަޤުވާމީ ފެންވަރުގެ ނިންމުންތައް ނިންމުމުގެ މަރުޙަލާގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ހިމެނުއްވުމަށްވެސް އެ މަނިކުފާނު ގޮވާލެއްވިއެވެ.

ބައްދަލުވުން އިފްތިތާޙުކުރެއްވުމުގެ ގޮތުން ވާހަކަ ދައްކަވާފައިވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ އެވެ. އެމަނިކުފާނުގެ ވާހަކައިގައި ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ގެ އިސްނެންގެވުމުގެ މަތީން، ސަރަހައްދީ ފެންވަރުގައްޔާއި ބައިނަލްއަޤުވާމީ ފެންވަރުގައި، އަމާންކަމާއި، ހަމަޖެހުމާއި ތަމައްދުނަށް މަސައްކަތްކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ބައިނަލްއަޤުވާމީ އެއްބާރުލުމާއި، ތަރައްޤީއާއި އަދި ހިންގުމަށް އެދެވޭ ބަދަލުތައްގެނައުމުގެ އަމާޒުގައި ހުށަހަޅުއްވާފައިވާ ބައިނަލްއަޤުވާމީ ސިލްސިލާގެ ތެރޭގައި ހިމެނޭ، ގްލޯބަލް ގަވަރނަންސް އިނީޝިއެޓިވް (ޖީ.ސީ.އައި) ތަޢާރަފުކޮށްދެއްވިއެވެ.

Advertisement
Advertisement

އެސް.ސީ.އޯ ޕްލަސް ބައްދަލުވުމަކީ، އެސް.ސީ.އޯގެ މެންބަރު ޤައުމުތަކާއި، ޕާޓްނަރ ޤައުމުތަކާއި، ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ހިއްސާކުރާ ގޮންޖެހުންތަކާއި، ނުރައްކާތަކާއި، އިޤްތިޞާދީ އިންޓެގްރޭޝަނާއި ގްލޯބަލް ގަވަނަންސް ފަދަ މައުޟޫޢުތަކުގެ މައްޗަށް މަޝްވަރާކުރެއްވުމަށް ހުޅުވާލާފައިވާ އިތުރު މަންސައެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement