މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ގްރޭޓާ މާލެ ސަރަހައްދުން 21،000 އަށްވުރެ ގިނަ އުޅަނދު ބަލައި ފާސްކޮށްފި

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ގްރޭޓާ މާލެ ސަރަހައްދުން 21،000 އަށްވުރެ ގިނަ އުޅަނދު ބަލައި ފާސްކޮށްފި

2 hours ago - 19:45
Advertisement
Advertisement

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ގްރޭޓާ މާލެ ސަރަހައްދުގެ މަގުތަކުގެ އަމާންކަން ކަށަވަރުކުރުމަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގައި 21،000 އަށްވުރެ ގިނަ އުޅަނދު ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.


ފުލުހުން އާންމުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން، މި މުއްދަތުގެ ތެރޭގައި މާލޭގެ މަގުތަކުން ޖުމްލަ 21،354 އުޅަނދު ބަލައި ފާސްކޮށްފައިވެއެވެ. މީގެ ތެރެއިން ގަވާއިދާ ހިލާފުވި 10،878 އުޅަނދެއް ޖޫރިމަނާކޮށްފައިވާއިރު، 8،740 ފަރާތަކަށް ވަނީ ނަސޭހަތްތެރިވެފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، އެވްރެޖްކޮށް ދުވާލަކު 118 އުޅަނދު ފާސްކޮށް، އޭގެ ތެރެއިން 60 އުޅަނދު ޖޫރިމަނާކޮށްފައިވެއެވެ. މިއީ ބަލައި ފާސްކުރި ކޮންމެ 100 އުޅަނދަކުން 51 އުޅަނދެވެ.


މަގުމަތީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ފުލުހުން ވަނީ މި ހަ މަސްދުވަހުގެ ތެރޭގައި 998 ޗެކްޕޮއިންޓެއް ގާއިމުކޮށް، ޓްރެފިކް ބެލެހެއްޓުމުގެ 10،263 ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ހަ ޗެކްޕޮއިންޓާއި 57 ހަރަކާތެވެ.


ޕާކިންގެ މައްސަލަތަކަށް ހައްލު ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އުޅަނދުތައް ޓޯކުރުމުގެ ކުރިން އަމިއްލައަށް އުޅަނދު ނެގުމަށް އެދި ވެރިފަރާތްތަކަށް 23،608 ފޯނު ކޯލު ކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި 3،417 އުޅަނދެއް ޓޯކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 3،336 ސައިކަލާއި 81 ހަތަރު ފުރޮޅުލީ އުޅަނދެވެ. މީގެ އިތުރުން، ރަސްމީ އެކި މުނާސަބަތުތަކާ ގުޅިގެން 1،080 އުޅަނދެއް ވަނީ އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.


އެހެނިހެން ކުށްތަކަށް ބަލާއިރު، ލައިސަންސް ނެތި އުޅަނދު ދުއްވި 1،052 ފަރާތަކަށާއި، ނުރައްކާތެރިކޮށް ދުއްވި 77 ފަރާތަކަށް ފިޔަވަޅު އަޅާފައިވެއެވެ. އަދި ޒޯން ނޫން ތަންތަނުގައި ދުއްވި 71 އުޅަނދަކާއި، ގަވާއިދާ ހިލާފަށް ބަދަލު ގެނެސްފައިވާ 32 އުޅަނދެއްގެ މައްސަލަ ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.


ޖުމްލަ 59 ބާވަތެއްގެ ކުށަށް ޖޫރިމަނާކޮށްފައިވާއިރު، އެންމެ ގިނައީ އުޅަނދުގެ އަހަރީ ފީ ނުދައްކާ ހުރި މައްސަލަތަކެވެ. މިގޮތުން އަހަރީ ފީގެ މައްސަލައިގައި އެކަނިވެސް 2،249 ޖޫރިމަނާ ކޮށްފައިވެއެވެ. މީގެ އިތުރުން، އިންޝުއަރެންސާއި ރޯޑްވާދިނަސްގެ މުއްދަތު ހަމަވުމާއި، ޓްރެފިކް ނިޝާންތަކަށް ނުބެލުމާއި، ދުއްވަމުން ފޯނު ބޭނުންކުރުން ފަދަ ކަންކަމުގައިވެސް ފިޔަވަޅު އަޅާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement